11 Nov 2010, 05:47
އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ޑަބްލިޔު. ބުޝް ލިޔުއްވި ފޮތެއް ކަމުގައިވާ "ޑިސިޝަން ޕޮއިންޓްސް" މި ދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ބާޒާރަށް ނެރެވުމުން އަނެއްކާވެސް ކުރީގެ ދައުރެއްގެ ވަރަށް ގިނަ ހަނދާންތައް އާވެގެން ދެއެވެ. އެގާރަ ނުވައެއްގެ ޙަމަލާއެވެ. އެ ޙަމަލާއަށްފަހު އަފްޣާނިސްތާނާއި ޢިރާޤަށް އެމެރިކާ ސިފައިން އެރި ގޮތެވެ. އުސާމާ ބިން ލާދިންގެ ޖަގަހައަކީ އަފްޣާނިސްތާނު ކަމުގައި ވާތީ އަފްޣާނިސްތާން އަތުލައިގަތުމަކީ ކޮންމެ އަގެއްގައިވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ބުޝްގެ ސަރުކާރުން ބުނަމުން ގެންދިޔަ ގޮތެވެ. ފަނާކުރަނިވި ހަތިޔާރުތައް ޢިރާޤުގައި ހުރިކަމަށް ބުނެ ދެއްކި ވާހަކަތަކެވެ. މި ހުރިހާ ކަމެއް މާޒީއާ އެކުވެގެންދިޔުމަށްފަހު، މިއަދު ފެންނަން އޮތް ޙަޤީޤަތަކީ ބައިނަލް އަޤުވާމީ މުޖުތަމައުގެ އިތުރުން ޚުދު އެމެރިކާގެ ރައްޔިތުންވެސް ބުޝްގެ ސަރުކާރަށް އިތުބާރު ނުކުރިކަމެވެ. އަފްޣާނާއި ޢިރާޤު ސުންނާފަތިކޮށްލަން ވެގެން ބުޝްގެ ސަރުކާރުން ދެއްކި ވާހަކަތައް ޚުދު އެމެރިކާގެ ރައްޔިތުންވެސް މުޅީން ބަލައިނުގަތްކަމެވެ. ރިޕަބްލިކަނުންނަށް އިންތިޚާބު ނާކާމިޔާބުވެ، ޑިމޮކްރެޓުންގެ އަތްމައްޗަށް އެމެރިކާގެ ރިޔާސަތުގެ ލަގަން އައުމަކީ މީގެ ނަތީޖާއެކެވެ.
ބުޝް ލިޔުއްވައި ޝާއިޢުކުރެއްވި "ޑިސިޝަން ޕޮއިންޓްސް"، މި ފޮތަކީ އޭނާގެ ރިޔާސީ ދައުރުގައި ނިންމެވި މި ދެންނެވި ނިންމުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައިވާ ފޮތެކެވެ. އަދި ބުޝްގެ ޒާތީ ދިރިއުޅުއްވުމާބެހޭ ބައެއް ޙަޤީޤަތްތައްވެސް މި ފޮތުގައި ބަޔާންކުރައްވާފައި ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭނާއަކީ އުމުރުފުޅުން 40 ވަރަކަށް އަހަރުވަންދެން ރަލަށް ދެވިހިފުމުގެ ބަލި ތަހައްމަލުކުރެއްވި ބޭފުޅެއްކަމެވެ. ބުޝް ވިދާޅުވާގޮތުގައި ފަހުން އޭނާގެ ޙާލަތު ވަނީ އާދައިގެ ގޮތަކަށް ބަދަލުވެފައެވެ. ރާޔާ ނުލައި ދިރިއުޅުއްވަން އޭނާ ދަސްފުޅު ކުރެއްވިކަމަށް އޭނާ ވިދާޅުވެއެވެ. މިއީ ތެދުފުޅެއްކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް ޤަބޫލުކުރަން ދަތި ވާހަކަޔަކީ ނުވަތަ ވާހަކަތަކަކީ ރިޔާސީ ދައުރުގެ ތެރޭގައި އޭނާ ނިންމެވި ހަނގުރާމައިގެ އެތައް ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ކަމެވެ.
ޚުދު ބުޝް ވެސް ވަނީ ޢިރާޤަށް އަރައިގަތުމަށް އޭނާ ނިންމެވި ނިންމެވުމަކީ ހެއްދެވުނު ގޯހެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އެކަމާ ގުޅިގެން އޭނާއާ ދިމާޔަށް ތުހުމަތުގެ އިނގިއްޔެއް ދިއްކުރުމަކީ އިންސާފެއް ކަމަކަށް އޭނާ ޤަބޫލުފުޅެއް ނުކުރައްވައެވެ. ސަބަބަކީ އެއިރު އެ ނިންމެވުންތައް ނިންމެވީ އެއިރު ލިބެން ހުރި މަޢުލޫމާތުތަކަށް ބަލައި އެންމެ ރަނގަޅަށް ނިންމެން އޮތް ގޮތަށް ކަމަށް ވާތީއެވެ. އޭނާ ވިދާޅުވެފައިވާގޮތުގައި ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރުތަކެއް ހުރިކަމަށް އޭނާގެ ސަރުކާރުން ދެއްކި ވާހަކަތަކަކީ އިތުބާރުކުރެވޭގަދަ މަސްދަރުތަކަކުން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކަތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި ކަން މިހެން އޮތުމުގެ ސަބަބުން އޭނާ އެއްވެސް މީހެއް ނުވަތަ ބައެއްގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާކަށް ނުޖެހެއެވެ. އޭނާ ވިދާޅުވިގޮތުގައި ގޯހަކުން ނަމަވެސް އެޅުއްވުނު ފިޔަވަޅުގެ ނަތީޖާތައް ރަނގަޅެވެ. "ސައްދާމު ޙުސައިނާ ނުލައި ދުނިޔެއަކީ މާ ފުރިހަމަ ދުނިޔެއެއް" ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ނަޒަރުގައި ޢިރާޤުގެ ރައްޔިތުންނަށް މިހާރު ވަނީ ފުރިހަމަ މިނިވަންކަމުގެ ޖައްވަށް ނޭވާލުމުގެ ފުރުސަތު ހޯދައިދެވިފައެވެ. ނަމަވެސް އޭނާއަށް ވިސްނުންފުޅު ފޯރުއްވެވިފައިނުވާ ކަމަކީ ޢިރާޤުގައި ސައްދާމު ޙުސައިނަށްފަހު "މިނިވަންކަމުގެ ޖައްވުގައި ނޭވާލާން" ތިބި މީސްތަކުންގެ ތެރެއިން ގިނަ މީހުންނަކީ ސައްދާމު ޙުސައިނުގެ ގޮށްމުށުގެ އެތިފަހަރުތަކުގެ ވޭނަށްވުރެ ހިތި ވޭންތަކެއް އެމެރިކާގެ ބޮންތަކުގެ ނަތީޖާއެއްގެ ގޮތުން އުފުލަމުންދަ މީހުން ކަމެވެ. ޢިރާޤުގައި އެމެރިކާގެ އަނިޔާވެރި ޢުދުވާނުގެ ސަބަބުން ޢާއިލާގެ މެމްބަރުން ގެއްލިފައިވާ މީހުންނާއި، އެމެރިކާގެ އަނިޔާވެރި ޙަމަލާތަކުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތައް ހަލާކުވެ ނުކުޅެދޭ މީހުންނަށް ވެފައިވާ މީހުންނާއި، އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ފަޤީރުކަމުގެ އިންތިހާ ދަރަޖައިގައި ތިބި އެތައް މިލިއަން ބަޔަކު އެބަ ތިއްބެވެ. ދުނިޔޭގެ ޙަޔާތުގެ އުފާތަކާއި ހިތްހަމަޖެހުމުން މުޅީން މަހުރޫމުވެފައި ތިބި މީހުންނެވެ. ބުޝް "މާ ފުރިހަމަ ދުނިޔެއެއް" ކަމުގައި ސިފަކުރައްވާ ދުނިޔެއަކީ އެފަދަ މީހުންގެ ވޭނީ ދުނިޔެ ތޯއްޗެކެވެ.
"ޑިސިޝަން ޕޮއިންޓްސް" ގައި ބުޝް ވިދާޅުވެފައިވަނީ އެމެރިކާގެ ނިއު އޯރލީންސަށް އޭނާގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ކުރިމަތިވި ކެޓްރީނާ އެވެ ކިޔުނު ހަރިކޭންގެ ހާދިސާއާ ގުޅިގެން އޭނާގެ ސަރުކާރުން ކަންތައް ކުރީކީ އެންމެ ރަނގަޅަށް ނޫން ކަމުގައެވެ. އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ނުދެއްކެވުން އެއީ ވަރަސް ބޮޑު މައްސަލައެއް ކަމަށް އޭނާ އިޢުތިރާފުވެވަޑައިގެންނެވިއެވެ. ބުޝް ވިދާޅުވިގޮތުގައި، ނިއު އޯރލީންސް ގެ މަތީން އެ ދުވަސްވަރު އެއަރ ފޯރސް ވަން ދަތުރުކުރިއިރު، ބޯޓުގައި އިންނަވައިގެން ޝަހަރަށް ކުރިމަތިވެފައިއޮތް ގެއްލުންތައް ބައްލަވާލައްވައިފައި، ރައްޔިތުންނާ ބައްދަލުނުކުރެއްވުމަކީ އޭނާއަކީ "ރައްޔިތުންނަށް އަޅާނުލާ، ރައްޔިތުންނާ ދުރުހެލި" ރައީސެއް ކަމަށް ދައްކުވައިދޭ ކަމެކެވެ. ސުވާލަކީ ބުޝްއަށް އެކަން ވިސްނިވަޑައިގަންނަވަންވީ އެތައް އަހަރެއްގެ ފަހުން، މީޑިޔާގެ އެއްޗެހި ގޮވުމުގެ އެތައް ބުރަކަށްފަހުގައިތޯ މިއެވެ.
ޖޯރޖް ޑަބްލިޔު. ބުޝް އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހަރުކަށި ބޭފުޅެކެވެ. އޭނާގެ ސަބަބުން މުސްލިމުންނަށް ބޮޑެތި މުސީބާތްތަކެއް ޖެހުނެވެ. އަދި ޚުދު އެމެރިކާގެ ރައްޔިތުންދެކެ ލޯބިވާ ވެރިއެއްގެ ގޮތުގައިވެސް އޭނާ ފެނިފައެއް ނެތެވެ. އެހެންވިއްޔާ ފޮތެއް ލިޔުއްވައިގެން އެ ޙަޤީޤަތަށް މީސްތަކުންގެ ލޯތައް ކަނުކޮށްލައްވަން އޭނާ މަސައްކަތްޕުޅު ކުރެއްވުމުގެ ބޭނުމަކީ ކޮބައިބާވައެވެ! ތާރީޚު އޮޅުވައިލުން ބާވައެވެ!