03 Aug 2013, 11:02
ގއ. ގެމަނަފުށީގައި ޑޮކްޓަރެއް ނެތްތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ ގެމަނަފުށީ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލް މެމްބަރު މުހައްމަދު ހާޝިމް ވިދާޅުވީ އެ ރަށު ސިއްހީ މަރުކަޒަށް އިތުރު ޑޮކްޓަރަކު ހަމަޖައްސައި ނުދީ މިހާރު ހުރި ޑޮކްޓަރަށް ޗުއްޓީދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރު ޗުއްޓީ ނެންގެވިތާ ހަފްތާއެއް ވެގެންދިޔަ އިރު ވެސް އިތުރު ޑޮކްޓަރެއް ހަމަޖައްސާފައި ނުވާކަމަށާއި އެކަމާ ގުޅިގެން އެ ރަށު ރައްޔިތުންނާއި ކައިރި ރަށްތަކުގެ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.
"ގެމަނަފުށީ ސިއްހީ މަރުކަޒުގައި ހުންނެވި ޑޮކްޓަރަށް ޗުއްޓީ ދެއްވާފައި ވަނީ އިތުރު ޑޮކްޓަރަކު ހަމަނުޖައްސާ. މިހާރު ހަފްތާއެއް ވެގެން މިދިޔައީ، ނަމަވެސް އަދިވެސް ޑޮކްޓަރަކު ހަމަޖައްސާފައެއް ނުވޭ. މިކަމާ ގުޅިގެން މިރަށު ރައްޔިތުންގެ އިތުރުން މިރަށާއި ކައިރީގައި މި އޮތް ކޮނޑޭ އާއި ކަނޑުހުޅުދޫ ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުން. ސަބަބަކީ އެ އެންމެން ވެސް ދެން ދާންޖެހެނީ ބޮޑު ޚަރަދެއް ކޮށްގެން މިއަތޮޅު ވިލިނގިއްޔަށް ނޫން ނަމަ ގދ. ތިނަދޫ އަށް،" ހާޝިމް ވިދާޅުވި އެވެ.
އާބާދީގައި 17،00 ވަރަކަށް މީހުން ދިރިއުޅެމުންދާ ގެމަނަފުށީ ކައުންސިލް މެމްބަރު ހާޝިމް ވިދާޅުވީ އިތުރު ޑޮކްޓަރަކު ހަމަނުޖައްސައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަށް ޗުއްޓީ ދިނުމަކީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށެވެ. ޑޮކްޓަރަކު ހަމަޖައްސައިދިނުމަށް ސިއްހީ މަރުކަޒުން ތަކުރާރުކޮށް އެދުމުން ގއ. އަތޮޅު ހޮސްޕިޓަލުން ދީފައިވާ ޖަވާބަކީ "ޑޮކްޓަރަކު އަދި ނުލިބޭ ކަމަށާއި އެހާ އަވަހަށް ޑޮކްޓަރަކު ލިބޭނެ ކަމަށް ނުބެލެވޭ" ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.
ރަށުގައި ރޯގާ އާއި ބޭރަށް ހިނގުމުގެ ބަލިތައް ފެތުރިފައިވާ އިރު މިހާރު ޑޮކްޓަރަށް ދައްކަން ދާންޖެހެނީ 3000ރ. ނޫން ނަމަ 6000ރ. ޚަރަދުކޮށްގެން ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫ ރީޖިނަލް ހޮސްޕިޓަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރުމަށް ކައުންސިލްގެ ޓީމެއް ރޭގެ ވަގުތެއްގައި މާލެ ފުރާފައިވާ ކަމަށެވެ.