03 Aug 2013, 10:30
ހަރާރޭ (އޮގަސްޓް 3): ޒިންބާބުވޭގައި ބޭއްވި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބަކީބޮޑު އޮޅުވާލުމެއް ކަމަށް އެގައުމުގެ ރައީސް ރޮބަޓް މުގާބޭގެ ވާދަވެރިޔާ މޯގަން ސުވާންގިރާއި ސިފަކުރެއްވުމުން އިންތިޚާބުގެ ކަންތައްތައް ބަލައި އޮބްޒާވްކުރި ބޭރުގެ އޮބްޒާވަރުން އެކަން ދޮގުކޮށްފި އެވެ.
ޒިންބާބުވޭގެ އިންތިޚާބުގެ ހުރިހާ ކަމެއްވަރަށް ގާތުން ބަލައި އޮބްޒާވްކުރި އެފްރިކާގެ އިއްތިޙާދުގެ މިޝަން އިންބުނީ ޒިންބާބުވޭގެ އިންތިޚާބާބެހޭ ހުރިހާ ކަމެއްވެސް ކުރިޔަށްދިޔައީ ދެފުށްފެންނަ ގޮތަށް މިނިވަންކަމާއި ނަޒާހަތްތެރިކޮށް ކަމަށާއި އޮޅުވާލިކަމަށް ބެލެވޭ ކަންތައްތަކެއް އިންތިޚާބުގެ ތެރޭގައި ހިނގާފައިނުވާ ކަމުގަ އެވެ.
ޒިންބާބުވޭގެ އިންތިޚާބުގެ ކަންތައްތައް ބަލައި އޮބްޒާވްކުރި އެފްރިކާގެ އިއްތިޙާދުގެ މިޝަންގެ ވެރިޔާގެ ގޮތުން ޙަރަކާތްތެރިވެ ވަޑައިގެންނެވި ނައިޖީރިޔާގެ ކުރީގެ ރައީސް އޮލޮސީގަން އޮބަސަންޖޯ ވިދާޅުވީ އިންތިޚާބުގައި ރަނގަނޅުކޮށްލަން ޖެހޭ ބައެއްކަންތައް ފާހަގަކުރެވުނު ނަމަވެސް އިންތިޚާބުގައި މަކަރާއި އޮޅުވާލުން ފަދަ ކަންތައްތައް ހިނގާފައިނުވާ ކަމުގަ އެވެ. އަދި އިންތިޚާބުގެ ކަންތައް ރާވައި ހިންގި ކޮމިޓީއަކީ ވެސް މިނިވަން މުސްތަގިއްލު ކޮމިޓީއެއް ކަމަށް އޮބަސަންޖޯ ސިފަކުރެއްވި އެވެ.
ޒިންބާބުވޭގައި ބޭއްވި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން ރައީސް ރޮބަޓް މުގާބޭގެ ޒާނޫ ޕީއެފް ޕާޓީވަނީ މުގާބޭގެ ވާދަވެރިޔާ އަދި ޒިންބާބުވޭގެ ބޮޑު ވަޒީރު މޯގަން ސުވާންގިރާއިގެ ޕާޓީ ކަމަށްވާ މޫމެންޓް ފޯރ ޑިމޮކްރެޓިކް ޗޭންޖްގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ ކޮމިޓީން ރަސްމީ ނަތީޖާ އަދި އިޢުލާން ކޮށްފައެއްނުވެ އެވެ.
މުގާބޭގެ ޒާނޫ ޕީއެފް ޕާޓީގެ މަސްއޫލުވެރިއެއް ކަމަށްވާ ސިކޮލޯޖީ މާޒީވާޒީ ވަނީ މިހާރު ގުނާފައިވާ ވޯޓުތަކަށްބަލާ އިރު ޕާލަމެންޓްގެ 70 އިންސައްތަ ގޮނޑި އެ ޕާޓީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އިންތިޚާބުގައި ނާކާމިޔާބުވި ވަޑައިގެންނެވި ކަމަށްބެލެވޭ ޒިންބާބުވޭގެ ބޮޑުވަޒީރު މޯގަން ސުވާންގިރާއި ވަނީ އިންތިޚާބުގައި މަކަރުހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިގޮތުން މިލިޔަނެއްހާ މީހުންނަށް ވޯޓުލުމަށް ވޯޓުފޮއްޓާ ހަމައަށް ދިޔުމުގެ ފުރްސަތު ލިބިފައިވާ ކަމަށް ސުވާންގިރާއި ތުހުމަތު ކުރެއްވި ނަމަވެސް ބޭރުގެ އޮބްޒާވަރުން މިކަން ދޮގުކުރެ އެވެ.
އަނެއްކޮޅުން ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކުގެ ނަމުގައި ޙަރަކާތްތެރިވާ މަދަނީ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުންޒިންބާބުވޭގެ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް އިޢުލާން ކުރުމުގެ ކުރުމުގެކުރިން އެ ނަތީޖާ ހޯދައި ލީކުކޮށްލުމަށް ރާވާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޒިންބާބުވޭގެ ފުލުހުން ވަނީ، ބޭރުގެ ފަރާތްތަކާ ގުޅިފައިވާ ކަމަށާ އަދި އަޑިނޭނގޭ ކަމަށް ތުހުމަތު ކުރެވޭ މިޖަމްޢިއްޔާ ޖަމާއަތްތަކުގެ ރޭވުންތައް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢްލާން ކުރުމުގެ ކުރިން ވަގުތީ ނަތީޖާ ހޯދައި ލިބިގަތުން އިންތިޚާބުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކަށް ޒިންބާބުވޭގެ އިންތިޚާބާބެހޭ ޤާނޫނުހުއްދަކުރެއެވެ. (ބީ.ބީ.ސީ)