އދ. މާމިގިލީން: އަހުމަދު ސާއީލު

ޖުމްހޫރީ ޕާޓީ އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއަކީ ދިވެހި ރައްޔިތުންނަށް ޓަކައި ހަދާފައިވާ، އެ ރައްޔިތުންގެ މެނިފެސްޓޯއެއް ކަމަށް އެކޯލިޝަންގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އދ. މާމިގިލީގައި ބޭއްވީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯއަކީ ހއ. އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަތުރުކުރައްވައި އޭގެ މައްޗަށް ބިނާކޮށްފައިވާ، ފުރިހަމަ މެނިފެސްޓޯ އެއް ކަމަށެވެ.

ޑރ. ހަސަން ސައީދު ރޭ ވަނީ އެ މެނިފެސްޓޯ އިން ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ ވައުދުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މިގައުމު 100 ޕަސެންޓް މުސްލިމު ގައުމެއްގެ ގޮތުގައި އަބަދަށް ބޭއްވުމާއި ގައުމުގައި ސުލްހަ މަސްލަސްކަން ގާއިމުކުރުމާއި ފުދުންތެރި ގައުމަކަށް ހެދުން ހިމެނެ އެވެ.

ޑރ. ހަސަން ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރެއްގައި އެކަށީގެންވާ ހިދުމަތްތަކާ އެކު ޕްރީ ސްކޫލްތައް ގާއިމްކޮށް ޓީޗަރުންނަށް ވެސް އެންމެ ފުރިހަމަ ހިދުމަތްދޭނެ ކަމަށެވެ. އަދި ސާނަވީ ތައުލީމަކީ މަޖުބޫރު ތައުލީމެއްކަމުގައި ގާނޫނުން ކަނޑައަޅައި މަތީ ތައުލީމް ހާސިލް ކުރަން ބޭނުން ކޮންމެ ދަރިވަރަކަށް އެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރެއްގައި އާސަންދަ ހުސްވެގެން ދިވެހި އެއްވެސް ރައްޔިތަކަށް ބޭސްފަރުވާ ނުކުރެވިފައި ހުންނަން ނުޖެހޭނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ރަނގަޅު ފެންވަރުގެ ޑޮކްޓަރުން އުފައްދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް އަލިއަޅުވާލައްވައި ހަސަން ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރެއްގައި އަލަށް ކައިވެނިކުރާ ޒުވާން ކޮންމެ ދެމަފިރިއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އަދި އުތުރާއި ދެކުނުގަޔާއި މާލެ ސަރަހައްދުގައި ފެންވަރު ރަނގަޅު ސިޓީތައް ގައިމްކޮށްދެއްވާނެ ކަމަށާއި އަދި ގެދޮރު އެޅުމަށް ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ސާފުބޯފެނާއި ނަރުދަމާގެ ނިޒާމް ދިވެހި ރައްޔިތުންނަށް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އިގްތިސާދީ ދާއިރާ އަށް އަލި އަޅުވާލައި ޑރ. ހަސަން ވިދާޅުވީ ތަފާތު ގޮތްގޮތަށް ޓޫރިޒަމް ކުރިއެރުވުމަށާއި އެ ދާއިރާގެ ބައިނަލްއަގުވާމީ ފެންވަރުގެ ޔުނިވާސިޓީއެއް އެބޭފުޅުންގެ ސަރުކާރެއްގައި ރާއްޖޭގައި ގާއިމްކުރައްވާނެ ކަމަށެވެ. އަދި ޓްރާންސްޝިޕް ޕޯޓްތައް ރާއްޖޭގައި ގާއިމްކުރައްވާނެ ކަމަށާއި އަދި ކޮންމެ އަހަރަކު 100 މަސްދޯނި މަސްވެރިންނާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެނިފެސްޓޯ ތަންފީޒުކުރުމަށް ތިބީ ރައްޔިތުންގެ ހާލު އިހުސާސްކުރެވޭ ގާބިލުބޭފުޅުން ކަމަށާއި އެހެންކަމުން އެ ބޭފުޅުންގެ ވައުދުތައް ފުއްދަވާނެ ކަމަށެވެ.