ހދ. ކުމުންދޫގައި ދުއްވާފައި ދިޔަ ޕިކަޕަކަށް އަރަން އުޅެނިކޮށް ބިންމައްޗަށް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހީ ވިދާޅުވީ ދުއްވާފައި ދިޔަ ޕިކަޕަކަށް އަރަން އުޅެނިކޮށް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ އެ ރަށު އިކުލީލް ހައުސް ތަސްނީމް މުހައްމަދު ކަމަށެވެ.

ޝާހީ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތްގަނޑަކަށް 9:00 އެހައިކަންހާއިރު ތަސްނީމް އޭނާގެ ބައްޕައާ އެކު ފެރީއަށް މުދާ އެރުވުމަށް ފަހު ދުއްވާފައި ދިޔަ ޕިކަޕަކަށް އަރަން އުޅެނިކޮށް ވެއްޓުމުގެ ސަބަބުން ކަމަށެވެ.

ޕިކަޕަށް އަރަން އުޅެނިކޮށް ވެއްޓުމުގެ ސަބަބުން އެކުއްޖާ އަށް ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ އެރަށު ސިއްހީ މަރުކަޒުގަ އެވެ. އޭގެފަހުން އިތުރު ފަރުވާދިނުމަށް ވަނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ ކުއްޖާ އަށް ލިބުނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް އަދި ސާފުވާގޮތެއް ނުވެ އެވެ.