ހ. ލަންޗްމީޑްގެ ހަތަރު ވަނަ ފަންގި ފިލާގައި މިއަދު އަލިފާން ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 26 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ ދެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ނުދޭއިރު ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މިއަދު ހެނދުނު 11:10 ކަން ހާއިރު އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުން ކަމަށެވެ.

މިއަދު ހެނދުނު 10:30 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ލަންޗްމީޑްގެ ހަތަރުވަނަ ފަންގި ފިލާގައި ހުންނަ ޔޫމެޓް ކޮންސްޓްރަކްޝަންސް އޮފީހުގެ މީޓިންގ ރޫމްގަ އެވެ. އަދި އެ ހާދިސާގައި އެތަނުގައި ހުރި ބައެއް ގޮނޑިތަކާއި މޭޒުގެ އިތުރުން ބައެއް ލިޔެކިޔުންތައް އަނދާ ބޮޑެތި ގެއްލުންތަކެއްވަނީ ވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެ އެވެ.