02 Aug 2013, 21:21
ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާކުރަން އިތުރު ފަރާތެއް ހޯދަން ދިރާސާކުރަން ނިންމާފައިވާ ކަމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
ޗީފް އެގްޒެކްޓިވް އޮފިސަރު އިލްޔާސް އަހުމަދު މިއަދު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމާ ބެހޭ ބްރޯޑް ބޭންޑް ޕޮލިސީއެއްގެ ޑްރާފްޓް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ޕޮލިސީގެ ދަށުން އިންޓަނެޓްގެ ހިދުމަތްދޭނެ އިތުރު ފަރާތެއް ހޯދަން ދިރާސާ ކުރަން ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގެންދަނީ އިންޓަނެޓްގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރަމުން. އެގޮތުން އިންޓަނެޓްގެ ހިދުމަތްދޭން އެންމެ އެކަށީގެން ވަނީ ދެ ސާވިސް ޕްރޮވައިޑަރުން ތިބެގެންތޯ ބަލަން ޖެހޭ. ކޮންމެ ގޮތެއް ވިޔަސް ހިދުމަތް އިތުރަށް ފެންވަރު ރަނގަޅުކޮށް ފުޅާ ކުރަން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް އެކުލަވާލާ ބްރޯޑްބޭންޑް ޕޮލިސީގެ ދަށުން އަސާސީ ހިދުމަތެއްގެ ގޮތުގައި އިންޓަނެޓް ހުރިހާ ރަށަކަށް ވެސް ދޭން ޖެހޭނެ ކަމަށެވެ. އަދި އަސާސީ ޕެކޭޖްގެ އަގު ނެގޭނެ މިންވަރާއި ހިދުމަތުގެ ސްޕީޑް ވެސް ކަނޑައެޅިފައިވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މި ޕޮލިސީގެ ދަށުން އިންޓަނެޓް ހިދުމަތް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައެޅިފައިވާނެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަހަރުގެ ފަހުކޮޅު މި ޕޮލިސީއަށް އަމަލުކުރަން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ބްރޯޑް ބޭންޑް އިންޓަނެޓްގެ ހިދުމަތް ދެނީ ދިރާގާއި ފޯކަސް އިންފޯކޮމް އިންނެވެ. އަދި ވަތަނިއްޔާ އިން މޮބައިލް އިންޓަނެޓްގެ ހިދުމަތްދެމުން ގެންދެ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު ރާއްޖޭގައި ފިކްސް ބްރޯޑް ބޭންޑް އިންޓަނެޓް ލައިންގެ އަދަދު 20،308 އަށް ވަނީ އިތުރުވެފަ އެވެ. އަދި މޮބައިލް އިންޓަނެޓް ޔޫޒާގެ އަދަދު 101،963 އަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.