ހއ. މުޅަދޫގައި ހުރި ހަމައެކަނި މިސްކިތް ހުރީ ނަމާދުކުރަން އެކަށީގެން ނުވާ މިންވަރަށް ބައުވެ ހަލާކުވެފައި ވާކަމަށް އެ ރަށު އޮފީހުން ބުނެފި އެވެ.  


މުޅަދޫ ރަށު އޮފީހާ ހަވާލުވެ ހުންނެވި ރަށު އޮފީހުގެ އެހީތެރިއާ އަހުމަދު އަރުޝަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ އެ ރަށު މިސްކިތަކީ 1972 ވަނަ އަހަރު އުވައިން އިމާރާތް ކޮށްފައިވާ މިސްކިތެއް ކަމަށެވެ. އަދި މިސްކިތުގެ ހާލަތު ހުރި ގޮތުން ވާރޭ ވެހިއްޖެ ނަމަ މިސްކިތަށް ވާރޭ ވެހޭ ކަމަށާއި ފާރުތައް ބައުވެ ފާރު ކަނޑަކަނޑައިގެން ގޮސް މިސްކިތު ތެރެއަށް އުވަ ފޭބުމާއި މިސްކިތު އެތެރެއަށް ވެލި ވިއްސުން ފަދަ ކަންކަން ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.


"ކުޑަގޮތަކަށް ދަންނަވަންޏާ ނަމާދުކުރުމަށް ވެސް އެކަށީގެން ވެސް ނުވޭ. މިސްކިތް ހުންނަނީ އަތިރިމަތީ ސަރަހައްދާ ފުދޭވަރަކަށް ކައިރީގައި، އެހެންވެ ވެލި ވިއްސުމާއި މިސްކިތުތެރެ އަށް ވާރޭ ވިއްސުމާއި އުވައިން ރާނާފައި ހުރީމާ މިސްކިތު ތެރެއަށް އުވަތައް ފޭބުމާއި ފާރުން ތަންތަންގަނޑު ކަނޑައިގެން ދިއުމާއި މިކަހަލަ ކަންތައްތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.


މުޅަދޫ މިސްކިތަކީ ހަމައެކަނި ފިރިހެނުންނަށް ނަމާދު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގައި ނަމާދު ކުރެވެނީ 125 މީހުންނަށް ކަމަށާއި އެ ރަށުގައި 205 ފިރިހެނުން ދިރިއުޅޭ ކަމަށް އަރުޝަދު ވިދާޅުވި އެވެ.


މިސްކިތުގެ މައްސަލަ ހައްލުކުރުމަށް މަތި އުތުރު ޕްރޮވިންސްގައި އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.


މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނެއިފު އިއްޔެ ވިދާޅުވީ އެ ރަށު މިސްކިތް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.


އަރުޝަދު ވިދާޅުވީ މިސްކިތުގެ އިތުރަށް މުޅަދޫގައި ބަނދަރުގެ ދަތިކަން ވެސް ވަރަށްބޮޑަށް އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ އުމްރާނީ ތަރައްގީ އަށް ކުރިމަތިވެފައިވާ އެންމެބޮޑު ހުރަހަކީ ވެސް ބަނދަރުގެ ދަތިކަން ކަމަށެވެ. 


އޭނާ ވިދާޅުވީ ފަޅު ތިލަވުމުގެ ސަބަބުން ވަރަށް ހިތާމެވެރި ހާދިސާތައް ވެސް އެ ރަށުގައި ހިނގަމުންދާ ކަމަށާއި މާބަނޑު މީހުން ވިހަން އެހެން ރަށް ރަށަށް ގެންދަން ޖެހޭ ފަހަރުތަކުގައި ދޯނިފަހަރު ފަޅުން ނުނެރިވިގެން އުޅެނިކޮށް، ނުވިހައި ބަނޑުގައި އޮންނަ ދަރިފުޅު މަރުވެފައި ވެސް ވާ ކަމަށެވެ.


"ފަޅު ތިލަކަމުން އޮޑިދޯނި ފަހަރު ނުނެރެވިގެން އުޅެނިކޮށް، މާބަނޑު މީހާ ނުވިހައި ދަރިފުޅު ވެސް މަރުވެފައި އެބަހުރި. އޮޑިފަހަރު ބަނޑުން ޖަހާލުން ކަހަލަ ކަންކަން ވެސް ކުރިމަރިވޭ،" ތިން ސަތޭކަ ހަތްދިހައެއް މީހުން ދިރިއުޅޭ ރަށާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.  


އަރުޝަދު ވިދާޅުވީ އެންމެ ފަހުން އެ ރަށު ނެރު މަގު ފުންކޮށްދީފައި ވަނީ ރަށު އޮފީހުގެ އެދުމުގެ މަތިން ސަންޓްރެވަލްގެ ފަރާތުން ކަމަށެވެ.