އިސްލާމީ މަރުކަޒުގައި ކުރިއަށްދާ ޕްރޮގުރާމްތައް ލައިވްކުރަން ކޭބަލް އެޅުމުގެ ފުރުސަތު ހުރިހާ ޗެނަލްތަކަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުރިހާ ޗެނަލްތަކަށް ލައިވްކުރަން އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލަން ނިންމިއިރު، އެތައް އަހަރެއް ފަހުން ޓީވީއެމްއިން ވަނީ މާލޭގެ އެހެން މިސްކިތެއްގައި ކުރި ހުކުރު ނަމާދު މިއަދު ވަގުތުން ފޮނުވައިފަ އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު "ސަން" އަށް ވިދާޅުވީ މިހާތަނަށް އިސްލާމިކް މަރުކަޒުގައި ބާއްވާ ޕްރޮގުރާމްތައް ލައިވް ކުރުމަށް ކޭބަލް އަޅާފަ އޮންނަނީ ޓީވީއެމްއިން އެކަނި ކަމަށާއި ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުރިހާ ޗެނަލްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"އިސްލާމިކް މަރުކަޒު ހުޅުވުނީންސުރެ މިތާގައި ސިސްޓަމް ބަހައްޓައިގެން ކޭބަލް އަޅާފަ އޮންނަނީ ޓީވީއެމްއިން އެކަނި. އެހެން ޗެނަލްއަކަށް އެކަން ނުވެސް ކުރެވޭ އެމީހުންގެ ހުއްދައެއް ނެތި. ފީޑް ވެސް މި ނަގަނީ އެހެން ޗެނަލްތަކުން އެ މީހުންގެ އަތުން އެ މީހުނަށް ލާރި ދީގެން. މި މީހުން މިތާގައި ސިސްޓަމް ބަހައްޓައިގެން ކޭބަލް އަޅާފައި ވަނީ މި މީހުންގެ އަތުން ލާރިއެއް ނަގައިގެނެއްނޫން،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓީވީއެމްއިން ޒަމާނުންސުރެ އިސްލާމިކް މަރުކަޒުން ލައިވް ކުރަމުންދިޔަ ހުކުރު ނަމާދު އެހެން މިސްކިތަކުން ލައިވްކުރުމަށް ނިންމާފައިވާއިރު އެކަން ކޮށްފައި ވަނީ އެ މިނިސްޓްރީއާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ރޭ 10:00 އަކުން 11:00 އަށް ކުރިއަށްގެންދިޔަ އިހުޔާ ޕްރޮގުރާމް ޓީވީއެމްއިން ލައިވް 10:30 ގައި މެދުކަޑާލައި "ރަހަތަފާތު" ޕްރޮގުރާމް ގެނެސްދީފައިވާ ކަމަށް ބުނެ މިނިސްޓަރު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެކަމާގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) ގެ މީޑިއާ އޮފިޝަލް އަބުދުﷲ ރަމީޒް ވިދާޅުވީ އިސްލާމިކް މަރުކަޒުން ހުކުރު ނަމާދު ލައިވް ކުރުން ހުއްޓާލުމަށް ނިންމާފައިނުވާ ކަމަށެވެ. އަދި ތަފާތު މިސްކިތްތަކުން ހުކުރު ނަމާދު ލައިވް ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެކަން މިފަހަރު އިސްލާމިކް މިނިސްޓްރީއަށް އަންގާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހްޔާ ޕްރޮގުރާމް މެދުކަނޑާލި ކަމަށް ބުނާ ވާހަކައަށް އިޝާރާތްކުރައްވައި ރަމީޒް ވިދާޅުވީ ކޮންމެ ސްޓޭޝަން އަކީ ވަކި ޝެޑިއުލްއެއްގައި މަސައްކަތްކުރާ ތަނަކަށްވުމުން ޕްރޮގުރާމްތަކަށް ތަންދިނުމުގެ ގޮތުން ބައެއް ޕްރޮގުރާމްތައް މެދުކަނޑާލަންޖެހޭ ފަހަރު ވެސް އަންނާނެ ކަމަށެވެ.