މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު ރާއްޖޭގައި މޯބައިލް ފޯނުގެ ނަންބަރު ގެންގުޅޭ އަދަދު ހަ ލައްކަ އަށް އަރައިފި އެވެ.

މުއާސަލާތީ ހަބަރުތައް ގެނެސްދޭ ޓެލެކޮމް ޕޭޕާގައި ބުނެފައި ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި މޯބައިލް ފޯނު ނަންބަރުގެ އަދަދު ވަނީ 613،598 އަށް އަރާފައި ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ 579،989 ނަންބަރު މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖޭގައި މޯބައިލް ފޯނު ނަންބަރުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި މޯބައިލް ފޯނު ނަންބަރު ބޮލަކަށް ޖެހޭ އަދަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭގައި މިހާރު މޯބައިލް ޕޯސްޓްޕެއިޑް ނަންބަރުގެ އަދަދު ވަނީ 72،239 އަށް އަރާފައި ކަމަށެވެ. އަދި ޕްރިޕެއިޑް ނަންބަރުގެ އަދަދު 541،539 އަރާފައިވާ ކަމަށް އެ ތަފާސް ހިސާބުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އާދައިގެ ފޯނުލައިންތަކުގެ އަދަދު ވަނީ 24،081 އަށް އަރައިފަ އެވެ.

އެ ތަފާސް ހިސާބުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު ރާއްޖޭގައި ފިކްސް ބްރޯޑް ބޭންޑް އިންޓަނެޓް ލައިންގެ އަދަދު 20،308 އަށް އިތުރުވެފައި ކަމަށެވެ. އަދި މޮބައިލް އިންޓަނެޓް ޔޫޒާގެ އަދަދު 101،963 އަށް އިތުރުވެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.