02 Aug 2013, 14:50
މޮސްކޯ (އޮގަސްޓް 2): އެމެރިކާ އިން ދުނިޔޭގެ ބައެއް ގައުމުތަކަށާއި ޚުދު އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑަންއަށް ރަޝިޔާގެ ސިޔާސީ ހިމާޔަތްދީފި އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިދާރާގައި ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ އެޑްވަޑް ސްނޯޑެން އަށް ރަޝިޔާއިން ސިޔާސީ ހިމާޔަތް ދިނުމުން އޭނާވަނީ މޮސްކޯގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ޓްރާންސިޓް ސަރަހައްދު ދޫކޮށްރަޝިޔާގެ އެތެރެއަށް ވަދެފަ އެވެ. ރަޝިޔާ އިން ވެސް ވަނީ ސްނޯޑެންއަށް ވަގުތީ ގޮތުން ސިޔާސީ ޙިމާޔަތް ދިންކަން ކަށަވަރުކޮށްދީފަ އެވެ. ޙިމާޔަތް ދިނުމަށް ފަހު ސްނޯޑެން މިހާރު ހުންނެވީ ރަޝިޔާގެ އެތެރޭގެ ރައްކާތެރި ތަނެއްގައި ކަމަށް ރަޝިޔާގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. އެމެރިކާ އިން އޭނާ ހައްޔަރުކޮށް ދީފާނެ ހަރުކަށި އަދަބަކަށް ބިރުން ފިލައިގެން ސްނޯޑަން ފުރަތަމަ ގޮސްފައި ވަނީ ހޮންގްކޮންގް އަށެވެ. އެއަށް ފަހު ހޮންގްކޮންގުން ފުރައިގެން އޭނާ ރަޝިޔާގެ މޮސްކޯ އެއަރޕޯޓަށް ގޮސްފައި ވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އެއަށް ފަހު މިއަދާހަމައަށް ވެސް އޭނާ ހުރީ މޮސްކޯ އެއަރޕޯޓްގެ ޓްރާންސިޓް ސަރަހައްދުގަ އެވެ.
ރަޝިޔާ އިން ސްނޯޑެންއަށް ޙިމާޔަތްދިނީ ސްނޯޑެންގެ އަމިއްލަ ގައުމު ކަމަށްވާ އެމެރިކާއަށް ގޮސްފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާވުމުގެ ބިރުއޮތުމުން ކަމަށް ރިޕޯޓްތައްބުނެ އެވެ. އެމެރިކާ ވަނީ ސްނޯޑެން އަތުލުމަށް ރަޝިޔާއަށާއި ހޮންގްކޮންގްއަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ. ނަމަވެސް މިދެގައުމުން ކުރެ ގައުމަކުން އެމެރިކާގެ ފިއްތުންތަކަށް ދީލާފައެއްނުވެ އެވެ. ސްނޯޑެން އަށް ދާއިމީ ގޮތެއްގައި ސިޔާސީ ޙިމާޔަތް ދޭނެކަން އިކުއެޑޯއާއި ވެނެޒުއެލާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމެރިކާއިން ވަނީ ރަޝިޔާގެ މިނިންމުމަށް ފާޑުކިޔައި މިއީ ވަރަށް ދެރަކަމެއް ކަމަށް ސިފަކޮށްފަ އެވެ. (ރޮއިޓާސް)