ޑާކާ (އޮގަސްޓް 2): ބަންގްލަދޭޝްގެ އެންމެބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތޭ އިސްލާމް ޕާޓީ މަނާކުރުމުގެ ޙުކުމެއް އެގައުމުގެ ކޯޓަކުން އިއްވައިފި އެވެ.

މިޙުކުމްގައި ބުނެފައި ވަނީ ޖަމާއަތޭ އިސްލާމް ޕާޓީގެ ގަވައިދާއި ޕްރޮގްރާމަކީ ބަންގްލަދޭޝްގެ ދަސްތޫރާ ޚިލާފު އެއްޗެއް ކަމުން އެޕާޓީއަކީ މިހާރު މަނާ ކުރެވިފައިވާ އަދި ޣައިރު ޤާނޫނީ ސިޔާސީ ޕާޓީއެއް ކަމުގަ އެވެ. ކޯޓުގެ މިޙުކުމާ ދެކޮޅަށް ޖަމާއަތޭ އިސްލާމް ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ތެދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންކަމުން ކޯޓުގެ ޙުކުމާ ގުޅިގެން ޑާކާގެ މުހިއްމު ސަރަހައްދުތަކުގައާއި ކޯޓުގެ ވަށައިގެން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފަ އެވެ.

ޖަމާއަތޭ އިސްލާމް ޕާޓީ މަނާކުރުމަށް ކޯޓަށް މައްސަލަ ވައްދާފައި ވަނީ ޖަމާއަތޭ އިސްލާމް ޕާޓީއާ އިދިކޮޅު އިސްލާމީ ޙަރަކާތެއް ކަމަށްވާ ސޫފީ ޙަރަކާތުންނާއި ސެކިއުލަރ (އިލްމާނީ) ޖަމާއަތްތަކުންނެވެ. މިފަރާތްތަކުން ހުށަހެޅި ދަޢްވާގައި ބުނެފައިވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމާގައި، ޕާކިސްތާން ސިފައިންނާ ގުޅިގެން ޖަމާއަތޭ އިސްލާމީ ޕާޓީން ގައުމަށް ޚިޔާނާތްތެރި ވެފައިވާކަން ސާބިތުވެފައިވާތީ އެޕާޓީ މަނާކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ޖަމާއަތޭ އިސްލާމް ޕާޓީއަކީ ބަންގްލަދޭޝްގައިވާ އިސްލާމީ ފިކުރުގެ އެންމެ ގިނަދުވަސްވީ އަދި އެންމެ ބޮޑު ޕާޓީއެވެ.ބަންގްލަދޭޝް ގެ ސަރުކާރުން 2010 ވަނަ އަހަރުއުފައްދާފައިވާ ޚާއްސަ ކޯޓެއް ކަމަށްވާ "އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޯރ ވާރ ކްރައިމްސް" އިން ވަނީ ޖަމާޢަތޭ އިސްލާމް ޕާޓީގެ 4 ލީޑަރެއްގެ މައްޗަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާ ޙުކުމްތަކެއް އިއްވާފައެވެ. ޙުކުމް އިއްވި ލީޑަރުންގެ ތެރޭގައި އެޕާޓީގެރޫޙީ ލީޑަރުޣުލާމް ޢަޒަމްއާއި ދެވަނަ ލީޑަރުޢަލީ އަޙްސަން މުޙައްމަދު މުޖާހިދުވެސް ހިމެނެއެވެ. ރޫޙީ ލީޑަރުގެ މައްޗަށް އިއްވާފައިވަނީ 90 އަހަރަށް ޖަލަށް ލުމުގެ ޙުކުމެކެވެ.ދެވަނަ ލީޑަރު ޢަލީ އަޙްސަން މުޙައްމަދު މުޖާހިދުގެ މައްޗަށް އިއްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ޙުކުމެކެވެ.

މިދެބޭފުޅުންގެ މައްޗަށްވެސް ސާބިތުވެފައިވަނީ 1971 ގައި ހިނގި ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގާ ޕާކިސްތާން ސިފައިންނާ ގުޅިގެން ގައުމަށް ޣައްދާރުވެ ރައްޔިތުންމެރުމާއި މީހުން ވަގަށްނެގުމާއި އަނިޔާކުރުމާއި ރޭޕްކުރުމާއި ހުޅުޖެހުންފަދަ ޖަރީމާތައް ހިންގި ކަމުގެ ކުށެވެ.ކުރިން ޕާކިސްތާނުގެ ބައެއް (އިރުމަތީ ޕާކިސްތާން) ގެ ގޮތުގައި އޮތް ބަންގްލަދޭޝް، 1971 ގައި ޕާކިސްތާނާ ދެކޮޅަށްކުރި މިނިވަންކަމުގެ ހަނގުރާމައިގާ ޕާކިސްތާން ސިފައިން ބަންގްލަދޭޝްގެ 3 މިލިޔަނެއްހާ މީހުން މަރާލައި އެތަށް ލައްކަ އަންހެނުންނެއް ރޭޕްކޮށް ގައުމުގެ ބޮޑުބައެއް ސުންނާފަތިކޮށްފައިވާ ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)