ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އެޅި 50 ފުލެޓް ފުލުހުންނާ ރޭ ހަވާލުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ރޭ އޮތް ރަސްމިއްޔާތުގައި 50 ފްލެޓް ފުލުހުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ރޭގެ ރަސްމިޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ރޭ ފުރިހަމަވެގެން ދިޔައީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ފުލުހުންކުރަމުން ދިޔަ އުއްމީދެއް ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ފުލުހުންނަށް ފްލެޓް ދޫކުރުމަށް ނިންމެވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައިވެ އެވެ.

ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ފުލުހުންނާ ވަކިވަކިން ބައްދަލު ކޮށް މަޝްވަރާކުރި އިރު، ފުލުހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗެއް ކަމަށް ފާހަގަކޮށްފައި ވަނީ ގެދޮރުގެ މައްސަލަ ކަމަށެވެ. ރިޔާޒު ވިދާޅުވީ ފުލުހުންގެ ތެރޭ ގާތްގަނޑަކަށް 3،500 އެއްހާ ފުލުހުން މަސައްކަތް ކުރާއިރު، ފްލެޓް ހަވާލު ކުރި ގޮތާ ގުޅޭ ގޮތުން ސީދާ ކޮމިޝަނަރު އޮފް ޕޮލިސް އަށް ވެސް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. ނަމަވެސް އެއްވެސް ފުލުހެއްގެ ފަރާތުން ކޮމިޝަނަރަށް ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ.

"މިކަމަށް ވަކި ކޮމެޓީއެއް އުފައްދައިގެން ވަރަށް ޓްރާންސްޕޭރެންޓުކޮށް ހުރިހާ އެންމެންނަށް ލިބުނު ޕޮއިންޓްސް އޯޑާއިން ޕޮލިސް އިންޓްރާނެޓްގެ ތެރެއިން ފެންނަގޮތަށް ހުޅުވާލެވި އަދި އެކިއެކި ފަރާތްތަކުގެ ކޮމްޕްލެއިން އެއް އޮތިއްޔާ ބެލިގެން ވަރަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ބެލިގެން މިއަދު މި އެވޯދް މިކުރެވުނީ،" ކަމިޝަނާ ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ފުލުހުންގެ ތެރޭ މީހުން ބައިތިއްބަން ޖެހޭ ކަމަށާއި ނަމަވެސް ފުލުހުންގެ ތެރޭ އިންސާނީ ވަސީލަތް ނެތް ނަމަ މުއައްސަސާ އަށް ބޭނުންވާ މީހުން ނުލިބޭނެ ކަމަށެވެ.

ބޯހިޔާވަހިކަން ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ރޭ 50 ފްލެޓް ހަވާލު ކުރި އިރު، ހުޅުމާލޭގައި އިތުރު 300 ފްލެޓް ފުލުހުންނަށް އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުންގެ އިތުރުން ސިފައިންނަށް ވެސް 50 ފްލެޓް ދިނުމަށް ފަހު، އިތުރު 300 ފްލެޓް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށެވެ. މާލޭގައި ވެސް އަދި ރާއްޖެތެރޭގައި ވެސް ހަމަޖެހިލައިގެން ދިރިއުޅެވެނެ މާހައުލެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށެވެ. އަދި ރައްކާތެރި ކަމުގެ ޔަގީންކަން ލިބެން ޖެހޭ ކަމަށާއި އެރައްކާތެރި ކަން ދޭން ތިބި ބަޔަކީ ފުލުހުން ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އެތެރޭގެ ވަސީލަތްތައް ފުރިހަމަވެފައި ހުރި ތަނަކަށް ހައްދަވާދެއްވާނެ ކަމަށެވެ.

ކުރިއަށް ރިޔާސީ އިންތިޚާބު ވަރަށް ޕްރޮފެޝަނަލްކޮށް ސާބިތު ކަން މަތީ އިންތިޚާބުގެ ކަންކަން ބަލަހައްޓައި ދިނުމަށް ރައީސް ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް މިއޮތް އިންތިޚާބަކީ އެންމެ މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ވެގެން ދިއުން. އެކަމުގައި ތިބޭ ފުޅުންގެ މަސްއޫލޮއްޔަތު ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.