މާލެ ފެހިކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ނަލަ ފެހި މާލެ" ޕްރޮގްރާމްގެ ދަށުން ކުރީގެ ބާ އިންޖީނުގެ ހުރިތަނުގައި ހުރި ޕާކްތެރޭގައި އިތުރު ކެފޭއަކާ އެކު އިތުރު ތަނެއް އިމާރަތްކުރަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސުޖާއު އިއްޔެ ވިދާޅުވީ "ސިޓީ ޕާކް"ގެ ދެކުން އޮންނަ ހިމަ ގޯޅިގަނޑުގެ ދެކުނު އިރުމައްޗަށްވާ ގޮތަށް އަލަށް ހަދާފައިވާ ތަނަނީ ކުރިން އެތަނުގައި ހިންގަމުން ގެންދިޔަ ކެފޭ ވަކިކޮށް މަގަށްވާ ގޮތަށް ކެފޭ ހެދުމަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި "ސިޓީ ޕާކް"ގެ ހުޅަނގު ދެކުނު ފަރާތު ކަންމަތީގައި އަލަށް އިމާރާތްކުރަމުން އަންނަ ބަޔަކީ އެތަން ހަވާލުވެގެން ހިންގާ ފަރާތުން ސްޓާފްއޭރިއާއެއްގެ ގޮތުގައި ހަދަމުން އަންނަ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ހަދާފައި ހުރި އެއްތަަނަކީ ކެފޭގެ ބައެއް. މުޅިތަން ހަމަ އޮއޮތީ އޯޕަންކޮށް، ހަމައެކަނި އައި ބަދަލަކީ އޭރު އެމީހުން ދިން ކުރުހުމުގައި ހުއްދަ ދިން މިންވަރުގެ ތަންކޮޅެއް ހަދާފައި އެހެރީ، އޭރު ޑިވޮލޮޕްމަންޓް އޮތީނުނިމި. ފަހުން އައި ބަދަލަކީ ޕާކުން ތަންކޮޅެއް މަގަށް ނެގުން، އެހެންވެ ދެން އެމީހުންނަށް ލޭންޑް ޔޫސްއަށް ލިބޭ ބައިގެ ތެރެއިން މަދުވާ ބައި، ބާ އިންޖީނުގޭ ފަޅިން މިދިނީ،" ސުޖާއު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އެޕާކް ތަރައްގީކޮށް ހިންގުމަށް ވެފައިވާ އެެއް ބަސްވުމުގެ ދަށުން އެ ބިމުގެ 60 ޕަސެންޓް އޮންނަން ޖެހެނީ ޕާކްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލޭޑް ޔޫސްގެ ގޮތުގައި ބޭނުން ކުރެވޭނީ އެ ބިމުގެ 40 ޕަސެންޓް ކަމަށެވެ.

ސުޖާއު ވިދާޅުވީ އެ ޕާކްގައި ސިޓީ ކައުންސިލުން އެތަން ކުއްޔަށް ހިފައިންގެން އުޅޭ ފަރާތާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެއްވެސް ކަމެއް ކުރަމުން ގެންދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ކުރެހުމާ ހިލާފަށް އެއްވެސް ކަމެއް ކުރިއަށް ގެންދާނަމަ އެކަމެއް ހުއްޓުވާނެ ކަމަށެވެ.

ކުރިން ބޮޑުފެންވަޅުގޭގައި ހިންގި "ޑައިންމޯ" ރެސްޓޯރަންޓް ހިންގަނީ އެ ޕާކްގެ ތެރޭގަ އެވެ. އަދި ޕާކްތެރޭގައި "ލޭބާ ކްއާޓާސް" ގޮތަށް އެ ތަނުގައި މަސައްކަތް ކުރާ މީހުން ނިދަން ހަދާފައި ހުރި ތަނަކާއިފާހާނާ ބަރިއެއް ވެސް އެ ތަނުގެ ތެރޭގައި ވަނީ ހަދައިފަ އެވެ.
"ލޭބާ ކްއާޓާސް"ގެ ބޭރުގައި އެ މީހުންގެ އަންނައުނު ހިއްކަން އަޅާފައި ވެސް ހުރެ އެވެ.