10 Nov 2010, 18:08
އީދު ބަންދާ ދިމާކޮށް މާލެ ތެރެބެލެހެއްޓުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެތެރޭގައި 25 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުން ވަނީ ތަފާތު ކުށްތައް ހިންގުމަށް ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ މީސްމީހުންނާއި އެފަދަ މީސްމީހުން އެއްވެ އުޅޭ ކަމަށް ބެލެވޭ ގެސްޓް ހައުސްތަކާއި އެހެނިހެން ތަންތަން ބަލައި ފާސްކުރަން ފަށައިފަ އެވެ.
ޝިޔާމް ވިދާޅުވީ އެ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ގިނަ ޢަދަދެއްގެ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި މާރާމާރީ ހިންގުމަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރާ އެކު ހަތަރު މީހަކު ދެ ތަނަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އެކު އެކަކު ހައްޔަރުކޮށްފައިވާ އިރު 25 އަހަރު ދުވަހަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހަކު މާލެތެރޭގައި އުޅެމުންދަނިކޮށް ހިފަހައްޓާ ޑީޕީއާރު އެސް އާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމީހުންނާ ބެހޭ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ފުލުހުން މާލެތެރެ ބަލަހައްޓަމުންދާ އިރު ދަންވަރު ގަޑިތަކުގައި މަގުމަތީގައި އުޅޭ ކުޑަކުދިންނާއި ބޭނުމެއްނެތް ގޮތުގައި މަގުމަތީގައި އުޅޭ މީހުން ހުއްޓުވައި ފުލުހުން ސުވާލުކުރަމުން ގެންދާނެ ކަމަށާއި އެގޮތުން މިހާތަނަށް ވެސް އެކިކަންތައްތަކަށް ތުހުމަތު ކުރެވިގެން 71 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށް ނަސޭހަތްތެރިވުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 18 ކުއްޖަކު ހިމެނޭ ކަމަށެވެ.
ފުލުހުން ބުނީ މިފަދަ އޮޕަރޭޝަނެއް މިދުވަސްވަރާ ދިމާކޮށް މާލެތެރޭގައި ހިންގުމުގެ ބޭނުމަކީ ބަންދު ދުވަސްވަރާ ދިމާކޮށް ހިންގައިފާނެ ކަމަށް ބެލެވޭ ތަފާތު ކުށްތައް މަދުކުރުން ކަމަށެވެ.