އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމައިފި އެވެ. އެމްޑީއޭ އިން މި ގޮތަށް ނިންމީ މިރޭ އޮތް އެ ޕާޓީގެ ގައުމީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވެ ވޯޓުދިން މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީއޭގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ އެމްޑީއޭ އިން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ޕީޕީއެމް އާއި އެކު ފެށުމަށް ވެސް މިރޭގެ ބައްދަލުވުން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް މިރޭ އެކުލަވައިލައިފައިވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

"މިރޭ އަޅުގަނޑުމެން މި ނިންމީ ކޮންމެވެސް ބަޔަކާ ކޯލިޝަން ހަދަން ފެންނަ ކަމަށް. އެހެން ނަމަވެސް ކޯލިޝަން ހަދާ އިރު އެމްޑީއޭގެ ވެސް ހުށަހެޅުން ތަކެއް އެބަ ހުރި. އެއީ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކެއް. އެމްޑީއޭ އިން ކޯލިޝަން އެއްބަސްވުމަކަށް ދާނީ އެ ކަންކަމަށް އެއްބަސް ވެވިގެން. އެ ކަންކަމަކީ މި ޕާޓީގެ ފަރާތުން ދާދި ފަހުން އަތޮޅުތަކުގައި ބޭއްވި ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކުގައި އާންމު މެންބަރުންގެ ހުށަހަޅާފައި ހުރި މައްސަލަތައް،" އެމްޑީއޭގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީއޭ ކޯލިޝަން ހަދާ ޕާޓީއަކުން ކަމަށެވެ. އަދި ކުރިޔަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްޑީއޭއިން ކޯލިޝަން ހަދާނެ ބަޔަކު ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.