02 Aug 2013, 00:08
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންޑިޔާގެ ދެ ވަޒީރަކާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ނަޝީދު މިއަދު ބައްދަލު ކުރައްވާފައި ވަނީ އިންޑިޔާގެ ފިނޭސް މިނިސްޓަރު ޕީ ޗިދަންބަރަމް އާއި ހާރިޖީ ވަޒީރު ސަލްމާން ހުރްޝީދާ އެވެ.
އިންޑިޔާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދިވެހި ކިޔަވާ ކުދިންނަށް އަމާޒުކުރެވިގެން އިންޑިޔާ ސަރުކާރުން އިތުރު ސްކޮލާޝިޕްގެ ފުރުސަތު ފޯރުކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފައި ވާކަމަށް އެމްޑީޕީން ބުންޏެވެ.
އިންޑިޔާއަށް ބޭސްފަރުވާ ކުރުމަށް ދިވެހިން ދިއުމުގައި ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ ވިސާގެ މައްސަލަ ކަމަށާއި އެކަން ހައްލުކޮށްދެއްވުމާ ގުޅޭ ގޮތުން ވެސް އިންޑިއާގެ ހާރިޖީ ވަޒީރާއި އެކު ނަޝީދު މަޝްވަރާ ކުރެއްވި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާ ސަރުކާރުން ސްކޮލާޝިޕާއި ވިސާގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އިންޑިޔާގެ ފިނޭސް މިނިސްޓަރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން އެމަނިކުފާނު މަޝަވަރާ ކުރެއްވި ކަމަށް އެމްޑީޕީން ބުންޏެވެ.
އިންޑިޔާއިން ހިލައާއި ހިލަވެލި ލިބުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށާއި އެކަމުގެ ސަބަބުން އުމްރާނީ އެތައް މަސައްކަތްތަކެއް ހުއްޓި ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެޅިފައިވާކަމަށް ރައީސް ނަޝީދު ފާހަގަ ކުރައްވާފައި ވާކަމަށް އެމްޑީޕީން ބުންޏެވެ.