01 Aug 2013, 23:51
އިސްލާމް އާބާދު (އޮގަސްޓް 1) : އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އިސްލާމް އާބާދުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފްއާ ބައްދަލުކުރައްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރައްވާފައި ވަނީ ޕާކިސްތާނުގެ ހުއްދައަކާނުލައި އެމެރިކާއިން ޕާކިސްތާނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓުވުމާބެހޭ ގޮތުންނެވެ. ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ކޭންޕޭންގައި ނަވާޒްޝަރީފު ވަނީ އޭނާ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފި ނަމަ އެމެރިކާ ދޭ ޣައިރު ޤާނޫނީ މިޙަމަލާތައް ހުއްޓުވާނެކަމުގެ ވަޢްދު ރައްޔިތުންނަށް ވެފަ އެވެ.
ޑްރޯން މަތިންދާ ބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ދޭ މިޙަމަލާތަކުން ކުށެއްނެތް ޢާންމުން މަރުވަމުންދާ އިރު ތާލިބާނުން ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގާ ބޮންގޮއްވުމުގެ ޓެރަރިސްޓް ޙަމަލާތަކާއި އެމެރިކާ ދެމުންގެންދާ ޑްރޯން ޙަމަލާތަކާ ކުޑަވެސް ތަފާތެއްނެތް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެ އެވެ. އެމެރިކާގެ ޙަމަލާތަކަކީވެ ސް މީހުން މެރުމުގެ ނިޔަތުގައި ދުރާލައި އެކަމަށް ރާވައިގެން ދޭ ޙަމަލާތަކަކަށްވާތީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުގައި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ ޙަމަލާތަކެއް ކަމަށް ޤާނޫނީ ތަޖްރިބާކާރުން ސިފަކުރެއެވެ.
މީގެއިތުރުން ކެރީ އާއި ނަވާޒް ޝަރީފުގެ ވާހަކަތަކުގައި ޓެރަރިޒަމް ކަމަށް އެމެރިކާ ދެކޭ އަމަލުތައް ހުއްޓުވުމާއި، ޠާލިބާން ހަނގުރާމަވެރިން މައިތިރިކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށް ޚަބަރުލިބެއެވެ. ޑްރޯން މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނުގެ މިނިވަން ކަމާއި ސިޔާދަތަށް ގޮންޖަހައި އެމެރިކާ ޕާކިސްތާނުގައި ހިންގަމުންގެންދާ ހަރުކަށި ޢަމަލުތަކުގެ ސަބަބުން ދެގައުމުގެ ގުޅުންތައްވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ.
އެމެރިކާ އަފްޣާނިސްތާނުން ފައިބަމުން ގެންދާ މިދަނޑިވަޅުގައި އެމެރިކާއާއި ޕާކިސްތާނުގެ ގުޅުންތައް ގޯސްވުމަކީ އެމެރިކާ އެދޭނެގޮތެއްނޫން ކަމަށް މުރާސިލުން ދެކެއެވެ. ކެރީގެ މިދަތުރުފުޅުގައި އެމެރިކާއާއި ޕާކިސްތާނުގެ އިޤްތިޞާދީ ވިޔަފާރީގެ ގުޅުންތައްހަރުދަނާ ކުރުމާބެހޭ ގޮތުން ޕާކިސްތާނުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޚަބަރުލިބެއެވެ. ކެރީއަކީ ނަވާޒް ޝަރީފު އަލުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޕާކިސްތާނަށް ޒިޔާރަތް ކުރައްވާ އެމެރިކާގެ އެންމެ އިސް މަސްއޫލުވެރިޔާއެވެ. (އަލްޖަޒީރާ)