ދިވެހި މެނޭޖްމަންޓްތަކުން ހިންގާ ރިސޯޓުތަކުގައި ވަކި ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމަށް މުވައްޒަފުންނަށް މަޖުބޫރުކޮށް، އެ ފަރާތްތަކަށް ވޯޓު ނުދީފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.

ޓީމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓު މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން އެ މީހުނަށް ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުން މަހުރޫމް ކުރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަކި ފަރާތަކަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވުމާއި ވޯޓު ދޭނީ ވަކި މީހަކަށްކަން އާންމުކޮށް ބުނަން މަޖުބޫރު ކުރުވުމާއި ވަކި ސިޔާސީ ފިކުރަކަށް ތާއިދުކުރަން މަޖުބޫރު ކުރުވުމާއި ވަކި ސިޔާސީ ޕާޓީއަކަށް ވަނުމަށް މަޖުބޫރު ކުރުވަމުންދާ ކަމުގެ ޝަކުރާ އެ ޖަމިއްޔާ އަށް ލިބެމުންދާ ކަމަށް ނޫސް ބަޔާނުގައިވެ އެވެ.

ނަމަވެސް އެކަން ކުރަނީ ކޮން ބައެއް ކަމެއް ޓީމަކުން ނުބުނެ އެވެ.

މުވައްޒަފުންނަށް އެފަދަ ގޮތަކަށް މަޖުބޫރު ކުރުވަމުން ދިއުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހަމަހަމަކަމާއި އެކު މަސައްކަތް ކުރުމުގެ ހައްގާއި އަޅުވެތިކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުމުގެ ހައްގާއި މިނިވަންކަމާ އެކު ވޯޓު ދިނުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަތުން ކަމަށް ޓީމުން ބުންޏެވެ.

"ބާރުގަދަ ވިޔަފާރިވެރިނާއި ސިޔާސީ ފަރާތްތަކަށް މަސައްކަތްތެރިންނަށް ލިބިދީފައިވާ އިންސާނީ ހައްގުތަކާއި މެދު ކަންބޮޑުވެ، ސަރުކާރަށް ޕްރެޝަރުކޮށް މިފަދަ އެންމެހައި ހައްގުތަކުން މަސައްކަތްތެރިން އެއްކިބައި ކުރުމަށް ކުރަމުންދާ މަސައްކަތް މިހިނދުން މިހިދަށް ހުއްޓާލުމަށް ގޮވާލަމެވެ،" 2008 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ޓީމްގެ ސެކަރެޓަރީ ޖެނަރަލް މައުރޫފް ޒާކިރު މިއަދު ވިދާޅުވި ރިސޯޓް މުވައްޒަފުންނަށް ބިރުދައްކައިގެން، ރިޔާސީ އިންތިހާބުގައި ވަކިގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރިސޯޓުތަކުގެ މެނޭޖުމަންޓުން ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް މުވައްޒަފުނަށް މަޖުބޫރު ކުރުވަމުންދާ މައްސަލާގައި ސާބިތު ހެކި އިލެކްޝަނަށް ހުށަހަޅުއްވާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ. އަދި ވިދާޅުވި އެފަދަ ހެކި ދިނުމަށް ރިސޯޓު މުވައްޒަފުން ތިބީ ތައްޔާރަށް ކަމަށާއި އެ މުވައްޒަފުން އެ މައުލޫމާތުތައް އިލެކްޝަނާ ހިއްސާ ކުރާނީ ސިއްރު މައުލޫމާތު އާންމު ނުވާނެ ގޮތަށް، ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަށް ލިބިގެން ކަމަށެވެ.