01 Aug 2013, 22:14
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭން ފެށިތާ އަށް އަހަރު ފުރުނު އިރު އެ ކުންފުނީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 99 ފަސެންޓަށް ފޯރުކޮށްދެވިފަވާ ކަމަށް ވަތަނިއްޔާ އިން ބުނެފި އެވެ.
ވަތަނިއްޔާގެ އަށް ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުން އެ ކުންފުނީގެ އެންމެހާ ކަސްޓަމަރުންނަށް ފޮނުވަމުން، ވަތަނިއްޔާ އިން ބުނެފައި ވަނީ، ވޭތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި އެ ކުންފުނިން، ރާއްޖެ އަށް މޯބައިލް ޓެކްނޮލޮޖީގެ ކުރިއަރާފައިވާ ޒަމާނީ އެތައް ހިދުމަތްތަކެއް ތައާރަފް ކޮށްފައިވާ އިރު މިއަދު ރާއްޖޭގައި މުވާސަލާތީ ހިދުމަތް ބޭނުންކުރާ ކޮންމެ ތިން މީހަކުން ދެ މީހަކީ އެކުންފުނީގެ ކަސްޓަމަރުންކަށް އުފަލާ އެކު ފާހަގަ ކުރާ ކަމަށެވެ.
ވަތަނިއްޔާ އިން ވަނީ، ވޭތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައި އެކުންފުނީގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއްކޮށްފަ އެވެ. އެގޮތުން އެ ކުންފުނީގެ ނެޓްވޯކް ވަރުގަދަ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މިއަދު ރާއްޖޭގެ އާބާދީގެ 99 ޕަސެންޓަށް އެ ކުންފުނީގެ 2G ހިދުމަތް ފޯރުކޮށްދެވިފައިވާ އިރު، އާބާދީގެ 75 ޕަސެންޓަށް 3G+ އަދި އާބާދީގެ 33 ޕަސެންޓަށް 4Gގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ވަތަނިއްޔާ އިން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާއިރު އެ ކުންފުންޏަކީ، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުން އިސްނަގައިގެން ހިންގާ އެކިއެކި ހަރަކާތްތަކަށް ވެސް ވަތަނިއްޔާ އިން ދަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ.
ވަތަނިއްޔާ އިން ބުނީ، އެ ކުންފުނިން މުސްތަގުބަލަށް އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މިއަދު ވަތަނިއްޔާ އިން ދެކެމުންދާ ކާމިޔާބީގެ ސިއްރަކީ، ވަތަނިއްޔާގެ ކަސްޓަމަރުންގެ އެއްބާރު ލުމާއި، މުވައްޒަފުންގެ ބުރަ މަސައްކަތާއި ޓެކްނޮލޮޖީ ކުރިއެރުވުމަށް ރަނގަޅު އުމްރާނީ ތަރައްގީ އަށް އިންވެސްޓް ކުރުން ކަމަށެވެ.