01 Aug 2013, 20:17
މީހަކަށް ބިރުދައްކައިގެން ފައިސާއަތުލި މައްސަލައެއްގެ ތަހުގީގު ނިންމައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މާލޭ ދަފްތަރު 4126، މުސްތަފާ މޫސާ 24، އާއި ޏ.ފުވައްމުލައް މާދަޑު ތުއްބީގޭ މައިސާން ފަތުހުﷲ މުފީދު 20، އާއި މާލޭ ދަފްތަރު 275 މަބްރޫކް ނަސީމް 22، އާއި ސ.މަރަދޫ ހިލްމަން ނިމްތާޒް ހިލްމީ 27، އާއި ސ.މަރަދޫ ހުދުހިރި އަހްމަދު މަފާޒް 26، އާއި ހ.ތެދުއޮފި އިބްރާހީމް ޔާމީން އަލީ 20، ގެ އިތުރުން ގއ.ވިލިނގިލީ ހަނދުވަރުދޭގޭ އަހްމަދު ފިރާޝް 29، ގެ މައްޗަށެވެ.
އެ ހަތް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިއަހަރުގެ ޖޫން މަހުން ފެށިގެން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން ޑިމާންޑްކޮށް އެމީހުން އޭނާ އަށް ބިރުދެއްކުމުން އޭނާއަތުން ފައިސާ ނުލިބުމުން އެމީހާ މާލޭގައި ހިންގަމުން ދިޔަ ސެލޫނަކަށް ވަދެ އެސެލޫނުގައި ތިބި ދެމީހަކަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު އެ ސެލޫނުގެ ކައުންޓަރުން 1000ރ. އާއި ސެލޫނުގައި މަސައްކަތްކުރާ މީހެއްގެ އަތުން 1000ރ. ފޭރިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހަތް މީހުންނަކީ މީގެކުރިންވެސް ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ގިނަ ފަހަރަށް ހައްޔަރުކޮށްފައިވާ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.