10 Nov 2010, 17:29
ސްވިޓްޒަލެންޑް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު މިސްޓާ ތޯމަސް ލިޗާ އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފި އެވެ. މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ސްވިޓްޒަލެންޑްގެ އާ ސަފީރަށް މަރުހަބާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ސްވިޓްޒާލެންޑާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ރަހްމަތްތެރި ގުޅުމާއި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ރައީސް އާއި މިސްޓާ ލިޗާ މަޝްވަރާ ކުރެއްވި އެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އަށް ގެނެވުނު އިސްލާހީ ބަދަލު ގެންނެވުމުގައި ސްވިޓްޒާލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ސްވިޓްޒާލެންޑް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުން، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހުށަހަޅައިފައިވާ ޕްލޭނާ ބެހޭ މަޢުލޫމާތު ވެސް ރައީސް، ސްވިސް ސަފީރު މިސްޓާ ލިޗާ އަށް އެރުއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ސްވިޓްޒާލޭންޑު ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި ސަފީރު މިސްޓާ ލިޗާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީ އަށް ސްވިޓްޒާލެންޑް ސަރުކާރުން އެހީތެރިވެދޭނެ ކަމަށާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެހީ ހޯދުމުގައި މެދުވެރިވެގެން ސްވިޓްޒާލެންޑް ސަރުކާރުގެ އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.