20 Mar 2010, 10:47
މާލެއަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނަށް ހުރަސް އެޅި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި ގްރޫޕް ހަދައިގެން ތިބޭ ތަންތަނުގައި ހުންނަ ތަކެތި ނެގުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތައް ހުރަސް އެޅި މީހަކު ހައްޔަރުކޮށް އަދި ރޭ ވެސް ގިނަ އަދަދެއްގެ ގޮނޑިއާ ސޯފާ ފަދަ އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދައިގެން ތިބޭ ތަންތަނުން ނަގައިފައިވާ ތަކެތީގެ ތެރޭގައި ޖޯލިފައްޗާއި، ސޯފާ އާއި، ގޮނޑި ފަދަ ތަކެތި ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ގްރޫޕް މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތިވެސް އެފަދަ ބައެއް ތަންތަނުން ނަގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގާ ތަފާތު ގްރޫޕްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަ މީހަކު ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޢުމުރުން 18 އަހަރުން ދަށުގެ ދެ ކުދިން ހިމެނެ އެވެ. އަދި އެ އެންމެން ނަކީ މާރާމާރީ އާއި، ވައްކަމާއި، ފޭރުމާއި އަދި މަސްތުވާތަކެތީގެ ތަފާތު ރެކޯޑް އޮންނަ ފަރާތްތައްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.