ހުޅުލެއާއި ދިމާ 30 ފޫޓް ބޭރުން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދެ ލޯންޗަކަށް އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 3:50 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓަގައި ޒަޚަމްވި ދެ ފިރިހެނުންނަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ހެލްތު އިން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ޓަކައި މާލެ ގެނެސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުލެއާއި ދިމާލު 30 ފޫޓް ބޭރުން ދަތުރުކުރި އެއްލައިދޫ އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި މީރު އައިލެންޑް ރިސޯޓްގެ ލޯންޗް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓްގައި އެއްލައިދޫ އައިލެންޑް ރިސޯޓްގެ ލޯންޗްގެ މެދުން ބޮޑު ބައެއް ފަޅައިގެން ގޮސްފައިވާ އިރު މީރު އައިލެންޑް ރިސޯޓްގެ ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ ދެ ލޯންޗް މިހާރު ހުޅުލޭ ފަޅުތެރެއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މެރައިން ޕޮލިސް އިން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.