01 Aug 2013, 17:09
ގއ. ކޫއްޑޫ އެއާޕޯޓް ހިންގައި ތަރައްގީ ކުރުމަށް 25 އަހަރު ދުވަހަށް ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ކިޔޮން ހޮންގް ކޮންސްޓުރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.
ވެލާނާގޭ ޕްރެސް ރޫމްގައި މިއަދު ބޭއްވި ހަފްލާއެއްގައި ސިންގަޕޫރުގެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ވެރިޔާ އާއި ކޫއްޑޫ އެއާޕޯޓްގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރި ކޭއެޗްއޭ ރިސޯޓްސްގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު އެވެ. އަދި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ އެ އެއާޕޯޓް ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 25 އަހަރު ދުވަހަށް އެ ކުންފުނީގެ އަމިއްލެ ހަރަދުގައި އެ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ކަމަށެވެ. އެގޮތުން މިހާރު އެއެއާޕޯޓްގައި ހަދާފައިވާ 1200 މީޓަރުގެ ރަންވޭ އަށް އިތުރު 600 ފޫޓް ދިގުކުރުމަށާއި ޓާމިނަލް ތަރައްގީކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ އެ އެއާޕޯޓް ތަރައްގީކުރާތީ އެކުންފުންޏަށް ގއ. މާމުޓާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއާ އެކު ކޫއްޑޫގައި 50 ބެޑްގެ ހޮޓަލެއް ތަރައްގީކުރުމަށް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އަދީބް ވިދާޅުވި އެވެ.
ކޭއެޗްއޭ ރިސޯޓްސްގެ ސީއީއޯ ޖަނާހު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމާ އެކު 130 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމައެއާ އެކު ކޫއްޑޫ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޖެޓީއެއް ވެސް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ޖަނާ ވިދާޅުވި އެވެ.
ކޫއްޑޫ އެއާޕޯޓްއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހުޅުވި އެއާޕޯޓްއެކެވެ. އެއެއާޕޯޓް ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ބޮނަވިސްތާއިން ނެވެ.