01 Aug 2013, 16:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާއިން 126.4 މިލިއަން ރުފިޔާ އުފެއްދުންތެރި ނޫން ލޯނުތަކުގެ ޕްރޮވިޝަންގެ ގޮތުގައި ބަހައްޓައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ނެރުނު މިދިޔަ ކުއާޓަރުގެ މާލީ ބަޔާނުގައިވާ ގޮތުން 154.2 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން 126.4 މިލިއަން ރުފިޔާ ވަނީ ޕްރޮވިޝަންގެ ގޮތުގައި ބަހައްޓައިފަ އެވެ. އަދި ޓެކްސްއަށް 27.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބީއެމްއެލް އިން މިދިޔަ އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބޭންކުން ނިންމާފައި ވަނީ ދެވަނަ ކުއާޓަރުގެ ފައިދާ، އުފެއްދުންތެރި ނޫން ލޯނުތަކަށް ޕްރޮވިޝަންގެ ގޮތުގައި ބަހައްޓައި ކުންފުނީގެ ބެލެންސްޝީޓް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.
"މި ކުއާޓަރުގައި އުފެއްދުންތެރި ނޫން ލޯނުގެ ގޮތުގައި ބޮޑު ލޯނެއް ނެތް އިތުރުވެފައި ނެތް ނަމަވެސް ޕްރޮވިޝަން ހަދަން ނިންމީ ރެގިއުލޭޓަރީ މިންގަނޑުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރުމުގެ ގޮތުންނެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ޕްރޮވިޝަންގެ ގޮތުގައި ބެހެއްޓި ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް 527.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން 50 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވެސް ނިންމާފައިވެ އެވެ.
ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ 50ރ.ގެ މޫނުމަތީ ހިއްސާއަކަށް އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 9.29ރ. ބެހުމަށް ކަމަށެވެ.