01 Aug 2013, 16:18
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އިންތިހާބު އޮބަޒާވްކުރުމަށާއި ކެންޑިޑޭޓުގެ މަންދޫބުންގެ ގޮތުގައި 900 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ކެމްޕެއިން ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކޮމެޓީގެ މެންބަރު އަހްމަދު ޝާހިދު (ސާބެ) ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ އޮބްޒާވަރުންނާއި އެ ޕާޓީގެ ކެންޑިޑޭޓުގެ މަންދޫބުން ތިބޭނެ ކަމަށާއި އެ ހުރިހާ އޮބްޒާވަރުން މިހާރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޮބްޒާވަރުންނަށް ދޭން ޖެހޭ ތަމްރީން ދިނުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ، އެތަނުގައި [އެއްވެސް ވޯޓު ފޮއްޓެއް] ކައިރިވާކަށް. އަޅުގަނޑުމެން މި ބަލަނީ ހުރިހާ ވޯޓު ފޮއްޓެއްހެން ކަވަރުކުރާނެ ކަމަށް. އެހެންވީމާ އެކަމާ ގުޅިގެން އަޅުގަނޑުމެނަށް ލިބިއްޖެ 900 އޮބްޒާވަރުން. އެމީހުން ވަނީ އިލެކްޝަނަށް ހުށަހަޅާފައި. އަޅުގަނޑުމެން މިދަނީ ޓްރޭނިން ދެމުން. ޓްރޭނިންގައި އެބަކިޔާދެން މަކަރު ހެދިދާނެ ހުރިހާ ގޮތެއް. އަޅުގަނޑުމެން ޓްރޭނިން ހިންގާނީ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން." ސާބެ ވިދާޅުވި އެވެ.
ސާބެ ވިދާޅުވީ ކޮންމެ ވޯޓު ފޮއްޓެއްކައިރީގައި އޮބްޒާވް ކުރުމުގެ ތަމްރީން ލިބިގެން ތިބޭ މީހުން ބޭތިއްބުމަށް ރަށްރަށަށް އެ ޕާޓީގެ މީހުން ގޮސްގެން ތަމްރީން ދެމުންދާނެ ކަމަށެވެ. އަދި ތަމްރީން ދޭނީ އެކަމަކަށް ބޭނުންވާ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ކުއްލި ހާލަތްތަކުގައި ދިމާވެދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް ތަމްރީނުތަކުގައި މައުލޫމާތު އޮޅުންފިލުވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ވިދާޅުވީ އިންތިހާބާ ގުޅޭ ޝަކުވާތައް އެ ޕާޓީގެ އިދާރާ މެދުވެރިކޮށް ހުށަހެޅުމުން އެ ޕާޓީން ޝަކުވާ ބަލައިގަންނަ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ.
ހަމަ އެހެންމެ އެމްޑީޕީން މިއަދު ވަނީ އިންތިހާބާ ގުޅިގެން ފުލުހުން ހިންގައިފާނެ ކަމަށް ބުނާ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކުށްވެރިޔަކު އަތޮޅުވެހީގައި ރިޔާސީ އިންތިހާބުގެ ދެ ބުރުގައިވެސް ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާކަން އެނގިފައިވާ ކަމަށާއި އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ގުޅައިގެން އެރަށުގެ މަރުވެފައިވާ މީހުންގެ ލިސްޓެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް އެޕާޓީން މިއަދު ފާހަގަކުރި އެވެ. ނަމަވެސް އެކަން ވަނީ ފުލުހުންގެ ފަރާތުން ކަށަވަރު ނުވެފަ އެވެ.