01 Aug 2013, 15:24
ރ. އިންނަމާދޫން ޑިންގީއެއްގައި މިއަދު ހެނދުނުު މަހަށް ނުކުމެ އުޅެނިކޮށް، އޮއިގަނޑެއްގައި ޖެހި ޑިންގީއާ އެކު ބަންޑުން ޖަހައިލި ތިން ކުއްޖަކު "ހަނިގޮތަކަށް" ސަލާމަތްވެއްޖެ އެވެ.
ބަނޑުންޖަހާލި ޑިންގީގައި ތިބީ އިންނަމާދޫ، ގަނދަކޯޅިމާގެ، އިބްރާހިމް ތޯއިފް،13، އާއި އެ ރަށު އެވާލީޑް، މުހައްމަދު ނަޒްވީން،12، އަދި އެ ރަށު އާޝިއާނާ، މުހައްމަދު ސިވާން،11،ކަމަށެވެ.
ރަސްމާދޫ ކައުންސިލްގެ ރައީސް އަހުމަދު މާހިރު މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ތިން ކުދިން ޑިންގީއެއްގައި އިންނަމާދޫ ދެކުނު ފަރާތަށް މަހަށް ނުކުމެގެން އުޅެނިކޮށް ކަމަށާއި އެ ކުދިން ތިބި ޑިންގީގަނޑު ބަންޑުން ޖަހާލީ ލައްޓި ބޭނުމަށް ތަންކޮޅެއް ބޭރަށް ނުކުމެ އުޅެނިކޮށް އޮއިގަނޑެއްގައި ޖެހިގެން ކަމަށެވެ.
މާހިރު ވިދާޅުވީ އެ ތިން ކުދިން ސަލާމަތްވީ އެ މީހުން ތިބި ޑިންގީގަނޑު ބިންދަމުން ދިޔަ ރާޅާއި އޮޔާ އެކު ރަސްމާދު އަށް ލެއްގުމުން ކަމަށެވެ.
މިހާރު އެ ކުދިން ވަނީ އިންނަމާދޫން ފުނޮވި ދޯންޏެއްގައި އެ ރަށަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ކުދިން މަސް ބާނަބާނާ އުޅެނިކޮށް ލައްޓިއެއް ގަންނަނީ، ލައްޓިއެއް ގަނެފައި ނަނު ކަނޑާލައިފައިދިޔައީމާ، އަނެއްކާ ވެސް ލައްޓިއެއް ބޭނުމުގެ ބޭނުމުގައި އެކުދިން މިދަނީ ތަންކޮޅެއް ބޭރަށް. އެވަގުތު އޮޔާދަމުން ގޮސް ރަސްމާދޫގެ އުރަފަތް ހިސާބުގައި އޮންނާނެ ވަރަށް ބޮޑު ރާޅުގަނޑެއް، އެ ރާޅުގަނޑާއި އޮއިގަނޑުގައި އުޅެނިކޮށް ޑިންގީ ބަނޑުން މިޖަހާލީ،" މާހިރު ވިދާޅުވި އެވެ.
އެމީހުން ތިބި ޑިންގީގަނޑު ބަންޑުން ޖަހާލައިގެން އުޅުނިކޮށް ފެނުނީ ރަސްމާދޫ ދެކުނު ފަރާތުގެ އަތިރިމައްޗަށް ދަރިންކޮޅު ގޮވައިގެން މަހެއް ބާނަން ނުކުމެ އުޅުނު އަންހެނަކަށް ކަމަށާއި އެވަގުތު އެމީހާ އަށް އެއީ އޮޔާދަމުންދާ ބައެއްކަން އެނގިގެން އެހީތެރިކަމަށް އެދި ގޮވާހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާހިރު ވިދާޅުވީ ޑިންގީގަނޑު ބަންޑުން ޖަހާލި ވަގުތު އެތަނުން އެއް ކުއްޖަކު ފަތައިގަތީ އިންނަމާދޫއާ ދިމާލަށް ދާން ކަމަށާއި ނަމަވެސް ނުދެވޭނެ ކަމުގެ ޔަގީންކަން އޮތީމާ އެނބުރި ބަންޑުން ޖަހާލި ޑިންގީއާ ދިމާލަށް ގޮސް އަނެއް ތިން ކުދިންނާ އެކު ޑިންގީގަނޑުގައި ބައްދައިގެން ތިބީ ކަމަށެވެ.
"އަންހެން މީހާ އަށް އެކުދިން ފެނުމުން އެނގިއްޖެ މިއީ ވަރަށް އާދަޔާއި ހިލާފަށް ފައްޔެއް ވެސް ނުލާ އަންނަ އެއްޗެއް ކަން. އެވަގުތު އެމީހާ ކުދިންތަކެއް މިއޮތް އޮޔާދަނީއޭ ކިޔާ ހަޅޭ ލަވައިވެސް ހެދި ކަަމަށްވޭ. އެސަރަހައްދަކީ ރަށުގައި މީހުން ދިރި އުޅޭ ސަރަހައްދާ ވަރަށް ދުރުގައިވާ އޮންނަ ސަރަހައްދަކަށް ވީމާ އެއްވެސް މީހަކު އެތަނަށް ގޮސްފައެއް ނުވޭ. އޭރު އެ ކުދިން ތިބީ ކަނޑުއޮޅި މެދުތެރޭގައި ރާޅާ ތަޅަތަޅައި. އެހެންވެ އެމީހާ އަށް ވެސް އެކުދިން އެކަނި ދޫކޮށްލާފައި ދާން ނުކެރުނު ކަމަށް ވަނީ. ޑިންގީގަނޑު ރާޅާ އޮޔާ ރަށަށް ލެއްގި ވަގުތު އަންހެން މީހާ ވަނީ އެކުދިން ރަށަށް އަރުވަން އެހީވެފައި." މާހިރު ވިދާޅުވި އެވެ.
އެ ތިން ކުދިން ނަކީ އެ ރަށަށް އޮޔާ ލެއްގި ކުދިންތަކެއް ކަމަށް ރަސްމާދޫ ކައުންސިލުން ބުނި ނަމަވެސް އިންނަމާދޫން ސަން އަށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ކުދިން އެ ރަށަށް "ލެފީ" ކަމަށާއި އަދި ރަސްމާދޫން އެ ކުދިން ފުރިޔަނުދީ ހިފެހެއްޓުމަށް ވެސް އެންގީ އިންނަމާދޫން ކަމަށެވެ.
އިންނަމާދޫ އާއި ރަސްމާދޫ އޮންނަނީ ގާތްގަނޑަކަށް މާލެ އާއި ހުޅުލެ އޮންނަ ދުރުމިނުގަ އެވެ. ނަމަވެސް އެ ދެ ރަށް ދޭތެރޭގައި ކަނޑުއޮޅިއެއް އޮވެ އެވެ.
އެ ހާދިސާގައި ބަނޑުން ޖަހާލި ޑިންގީގަނޑު މިހާރު އޮތީ ރަސްމާދޫގައިި ކަމަށް ވެސް އެ ރަށުން ބުނެ އެވެ.