ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް އިންލަންޑް ރެވިނިއު އޮތޯރިޓީ (މީރާ)އިން ބިދޭސީންގެ ވާކްޕާމިޓް އަދި ވާކްވިސާ ހިދުމަތް ދިނުމާއި، ފީ ބަލައިގަންނަ ސިސްޓަމްގެ މަސައްކަތް ހުއްޓިއްޖެ އެވެ.

އިމިގްރޭޝަނުން ބުނީ އޮންލައިން ވިސާ ކަލެކްޝަން ސިސްޓަމުގެ ހިދުމަތް ލަސްވަމުން އަންނަތާ ހަފްތާއެއް ވެފައިވާ ކަަމަށާއި ވޭތުވެދިޔަ ތިން ދުވަހު ވިސާގެ ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެ މައްސަލަ ދިމާވީ އެ ސިސްޓަމް ގާއިމް ކުރި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) ނެޓުވޯކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

ވިސާ ސިސްޓަމް ލަސްވުމުގެ ސަބަބުން ވިސާ ކަލެކްޝަނުގެ ހިދުމަތް ދިނުން މިއަދު ވަނީ ހުއްޓާލާފަ އެވެ. އަދި ވިސާ ފީގެ ގޮތުގައި މިރާއިން ބަލައިގަންނަ ފައިސާ ބަލައިގަތުން ވެސް ވަނީ ހުއްޓާލާފަ އެވެ.

މީރާގެ ޑައިރެކްޓާ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ވިސާ ޕޭމަންޓް ބަލައިގަތުމަށް މިއަދު 60 ނަމްބަރު ދޫކުރި ކަމަށާއި ނަމަވެސް ސިސްޓަމަށް ހުއްޓުމާ އެކު، އެއްވެސް މީހަކަށް ހިދުމަތް ނުދޭ ކަމަށެވެ. ނަމަވެސް "މިހާރުން މިހާރަށް" ފުރަން ޖެހޭ ބިދޭސީއަކު ނަމަ އެ މީހެއްގެ ވިސާ ފީ މިއަދު ބަލައިގަންނާނެ ކޮންމެ ވެސް ގޮތެއް ހަދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

ވިސާ ދޫކުރުން ހުއްޓާލާފައިވުމުން، އެކަމާ ކަންބޮޑުވުންފާޅުކޮށް ރާއްޖެ އަށް ބިދޭސީން ގެންނަ އެޖެންސީތަކުގެ މީހުން ވަނީ އެކަމުގެ ޝަކުވާ ރައީސް އޮފީހުގައިކޮށްފަ އެވެ. އެޖެންސީތަކުގެ މީހުން ވަނީ ކެބިނެޓް ސެކަރެޓަރީ ޑރ. އަބްދުﷲ ނަޒީރާ ބައްދަލުކޮށް އެކަމުގެ ޝަކުވާ ހުށަހަޅާފަ އެވެ.