01 Aug 2013, 14:19
ވެށިފެހިމާލެ ޕްރޮގުމާގެ ދަށުން ދޫކޮށްފައިވާ ސީ ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ނަންތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ އިރު ވަގުތީ ލިސްޓާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން އާންމުނަށް މައުލޫމާތު ހިއްސާކުރަމުން ދަނީ ވެށިފަހި މާލެ ޕްރޮގާމް އޮފީހުގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށްކަމަށް އެ އޮފީހުން ބުނެފި އެވެ.
ވެށިފެހިމާލެ ޕްރޮގުރާމް އޮފީހުގައި އިސް ކޮންހުންނެވި ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުން ދީފައިވާ މައުލޫމާތުތަކުގައި މައްސަލަ ހުރެގެން އެ ފަރާތްތައް ލިސްޓުން ފެއިލް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެމީހުންނާ ގުޅޭ މައްސަލަތަކުގައި އޭސީސީން ވާހަކަ ދައްކާފައި ވަނީ ވެށިފެހިމާލެ އޮފީހުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ދޭހަވާ ގޮތަށް ކަމަށް ކަމަށެވެ. އަދި ޝަރުތުހަމަނުވާ މީހުންގެ ވާހަކަ މީޑިޔާތަކާއި އޭސީސީން ހިއްސާކޮށްފައިވާ އިރު އެ މައްސަލަތައް ވެށިފެހިމާލެ އޮފީހާއި ރަސްމީކޮށް ހިއްސާކޮށްފައިނުވާތީ މުއްތަލިބު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަމަ އެހެންމެ ސިވިލް ސާވީސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް ފްލެޓް ލިބޭނެ ކަމަށް ވަގުތީ ލިސްޓްގައި ހިމަނާފައިވީ ނަމަވެސް އެ ލިސްޓުން އޭނާގެ ނަން އުނިކޮށްފައި ވަނީ އޭސީސީން އެންގުމަކާ ނުލައި ވެށިފެހިމާލެ އޮފީހަށް ލިބުނު މައުލޫމާތެއް ބެލުމަށް ފަހު ކަމަށް އޭނަ ވިދާޅުވި އެވެ. އަދި އެކަން އޭސީސީން މީޑިއާތަކާ ހިއްސާކޮށްފައިވީ ނަމަވެސް އޭގެ ކުރިން ފަހުމީގެ ނަން ބާތިލު ކުރުމަށް ފަހު ލިޔުން ފޮނުވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފަހުމީ ދޮގުމައުލޫމާތެއް ވެށިފެހިމާލެ އޮފީހަށް ހިއްސާކޮށްފައިނުވާ ކަމަށާއި އޭނާ އަށް ލިބިފައިވާ ގޯއްޗެއް ޏ. ފުވައްމުލަކުގައި އޮތް ވާހަކަ އޭނާ ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ އެ ވާހަކަ ފޯމްގައި ނުހިމެނީ އޭނާ އަށް އެ ގޯތި އޭރު ރަޖިސްޓްރީ ކޮށްފައިނުވާތީކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުން ފަހުމީގެ ނަން ފެއިލް ކޮށްފައި ވަނީ ރަޖިސްޓްރީކޮށްފައި ނެތަސް ދައުލަތުން ބިމެއް ދީފައިވާ ނަމަ އެމީހެއްގެ ބިމެއް އޮތް ކަމަށް ބެލެވޭނެ ކަމަށް ވެށިމާލެ އޮފީހަށް ގަބޫލުކުރެވިގެން ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސީ ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް ހާމަ ކުރުމުން ލިބުނު ޝަކުވާތަކަށް ފަހު ފައިނަލް ލިސްޓް ހެދުމަށް ފަހު ލިސްޓް އެކުލަވާލި ގޮތުގެ ތަފްސީލު އޭސީސީ އަށް ދީފައިވާ ކަމަށެވެ. ފައިނަލް ލިސްޓް ހާމަ ކުރުމަށް ހަމަޖެހިފައި ވަނީ އޭސީސީން އެ ލިސްޓުގައި ތިބި މީހުނަށް މާކްސްދީފައިވާ ގޮތަށާއި އަދި އެމީހުން މައުލޫމާތު ދީފައިވާ ގޮތް ބެލުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެ ލިސްޓް ބެލުމަށް ފަހު އޭސީސީން ވެށިމާލެ އޮފީހަށް ފޮނުވާނެ ދުވަހެއް ވެސް އަދި ނޭނގޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް ގިނަ ދުވަސްވަމުންދާ ކަމަށްވާ ނަމަ އަޅަން ޖެހޭ އަޅަން ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެ އޭސީސީން އެ ލިސްޓްގެ ބެލުން ލަސްވަމުންދާތީ ވެސް މުއްތަލިބް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެމްޑީޕީ ސަރުކާރުން ފެށި ވެށިފަހިމާލެ ޕޮރްގުމާގެ ދަށުން އޭ ކެޓަގަރީ އާއި ބީ ކެޓްގަރީން ހުޅުމާލެ އިން ފެލްޓް ލިބުނު ފަރާތްތަކާއި ގެންދަނީ ފެލްްޓްތައް ހަވާލުކުރަމުންނެވެ. ސީ ކެޓަކަރީން ފްލެޓް ލިބެނީ 300 މީހުނަށެވެ.