މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން 50000 އަކަފޫޓުގެ ބިން ވިއްކަން ސަރުކާރުން ނިންމުމުން އެކަމަށް ހުރަސް އެޅީ މާލޭ ރައްޔިތުންގެ އަދުއްވުން ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.


ސަރަނގު އާދަމް މަނިކު މިއަދު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުޅަނގު ދެކުނު ހާބަރުން ބިން ވިއްކަން ނިންމެވީ އެ ސަރަހައްދު ތަރައްގީ ކުރުމުން ލިބޭނެ ކަމަށް ބެލެވުނު 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަކީ މާލޭގެ 300 އާއިލާގެ ބޯ ހިޔާވަހިކަން ކަމަށް ބަލައިގެން ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ހުރަސް އެޅި ފަރާތްތަކުން ހުރަސް އެޅީ މާލޭގެ އާދައިގެ ރައްޔިތުން އުޅޭ ހާލު ނޭނގޭ ކަމަށް ހެދިގެން ތިބެ ކަމަށެވެ.


"އެއީ މާލޭގެ ރައްޔިތުންގެ އަދުއްވުން، ނިކަން ބައްލަވާ މާލޭގެ ދެކުނު ފަރާތުން ބިން ހިއްކައިގެން ބޮޑެތި ގޯތިތައް ދޫކުރުމުން ގޯތި ލިބުނު 200 އެތައް މީހުންނަކީ އޭރުގެ ސަރުކާރާ ގުޅުން ހުރި މީހުން،" ސަރަނގު އާދަމް މަނިކު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެ ބިމުން މާލޭގެ އާދައިގެ އެކަކަށް ވެސް ގޯއްޗެއް ލިބިފައި ނުވާ ކަމަށާއި ރާއްޖޭގެ އެކި ތަނަތަނުން މީހުން ގެނެސް ތީމުގޭ ބަދިގޭ މީހުންނާއި ރައީސް އޮފީހުގެ ކާތިބުންނަށާއި ކޯޓުތަކުގެ ގާޒީންނަށާއި މަޖިލީހުގެ މެންބަރުންނަށް ގޯތި ބެހި އިރު މާލޭގެ އިގުތިސޯދު ހިފަހައްޓައިދޭ މާލޭގެ އާދައިގެ ރައްޔިތުންގެ މަތިން ހަނދާނެއް ނެތް ކަމަށެވެ. އެ ގޯތިތައް ދިން މީހުންގެ ލިސްޓް އޭނާގެ އަތުގައި އެބައޮތް ކަމަށް ވިދާޅުވެ ލިސްޓެއް އޭނާ ދެއްކެވި އެވެ.  


ސަރަނގު އާދަމް މަނިކު ވިދާޅުވީ ސަރުކާރުގެ ކޮންމެ މަޝްރޫއަކަށް ޒިންމާދާރު ކުރުވަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށާއި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅިފައިގާ މޝްރޫއަށް ހުރަސް އަޅާތަން ބަލަން މާލޭގެ ރައްޔިތުންގެ ބަލަން ނުތިބޭނެ ކަމަށެވެ.


ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވެސް ވަނީ ހުޅަނގު ހާބަރުން ބިން ވިއްކުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. ރައީސް ވިދާޅުވީ އާ ހާބަރު ސަރަހައްދުން 50000 އަކަ ފޫޓުގެ ބިން ވިއްކުމުން 300 މިލިޔަން ރުފިޔާ ލިބެން އޮތްކަން ކަނޑައެޅިގެން އެނގިތިބެ  މާލޭގެ 50 އާއިލާ  300 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގައި  ތޮއްޖައްސާފައި ބޭތިއްބުމަކީ އިންސާފެއް ނޫން ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަ ވަނީ އެއީ ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި ކަމަށެވެ.
މުނިސިޕަލްޓީން ބިން ވިއްކަން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ދައުވާ ކުރީ އޯގަސްޓް 26، 2010 ގައެވެ.  އެ ދައުވާ ޝަރީއަތް ނިމެންދެން ޝަރީއަތުން މާލެ އިން ބިން ވިއްކުން މަނާކުރުމުގެ އަމުރެއް ދައުލަތުގެ މައްޗަށް މަދަނީ ކޯޓުން ނެރުނީ ސެޕްޓެމްބަރު 22، 2010 ގައެވެ. އޭގެ ފަހުން މުނިސިޕަލްޓީން ވަނީ  އަމުރަށް ކިޔަމަން ވުމުގެ ގޮތުން ބިން ވިއްކުމުގެ ނީލަން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.