01 Aug 2013, 14:25
ރިސޯޓް ތަރައްގީކުރަން ސަރުކާރުން އަލަށް ހުޅުވާލި ހަތް ރަށުގެ ތެރެއިން، ފަސް ރަށަކަށް 13 ފަރާތަކުން ބިޑް ހުށަހަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އަލަށް ބިޑަށް ހުޅުވާލި ހަތް ރަށުގެ ތެރެއިން ބިޑް ހުށަހަޅާފައި ނުވަނީ ގއ. ދިގުދު އާއި ސ. އިސްމެހެލާހެރާ އަށެވެ. މިއީ އިސްމެހެލާހެރަ ބިޑަށް ހުޅުވާލި ދެވަނަ ފަހަރެވެ.
ބިޑް ޑޮކިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވީ އެ ހަތް ރަށަށް ބިޑް ހުށަހެޅުމަށް 52 ބިޑް ޑޮކިއުމަންޓް ގަތް ކަމަށެވެ. ނަމަވެސް ބިޑް ހުށަހެޅުމުގެ ސުންގަޑި މިއަދު 1:00ން ހަމަވިއިރު ބިޑް ހުށަހެޅީ 13 ފަރާތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެ ރަށްތަކަށް ހުށަހެޅި ބިޑް ޑޮކިއުމަންޓްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު ފައްޓަވާނެ ކަމަށެވެ. އަދި އިވެލުއޭޓްކުރުމަށް ފަހު އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތްތަކަށް އެވޯޑް ލެޓާ ހޯމަ ދުވަހު ފޮނުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު އެ ލިޔުންތަކުގައިވާ ބޭންކް ގެރެންޓީ ފަދަ ލިޔުންތައް ސައްހަތޯ ނުބަލާނަން. ނަމަވެސް އާދީއްތަ ދުވަހު ހުރިހާ ލިޔެކިއުންތައް އިވެލުއޭޓްކުރަން ފަށާނަން. އަދި އެންމެ މަތީ އަގު ހުށަހެޅި ފަރާތްތަކަށް މީރާއަށް ފައިސާ ދައްކަން 15 ދުވަސް ދެވޭނެ،" އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކާ އެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރާނީ އެކުއިޒިޝަން ކޮސްޓް މީރާ އަށް ދެއްކުމަށް ފަހު ކަމަށެވެ.
"ސަރުކާރުން ރިސޯޓް ތަރައްގީކުރަން ޖުމްލަ 14 ރަށެއް ބިޑަށް ހުޅުވާލަން އޮތީ ނިންމާފައި. މީގެ ބޭނުމަކީ ބަޖެޓް ޑެފިސިޓް ފޫބެއްދުމާއި ރިސޯޓް ނެތް އަތޮޅުތަކުގައި ރިސޯޓް ތަރައްގީކުރުން،" އަދީބު ވިދާޅުވި އެވެ.
"މިފަހަރު ބިޑް ހުށަހަޅާފައިނުވާ އިސްމެހެލާހެރެ އެހެން މޮޑެލްއެއްގެ ދަށުން ނަމަވެސް އަޅުގަނޑުމެން އެ ރަށް ތަރައްގީކުރާނަން."
އެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު ވިދާޅުވީ މިފަހަރު ބިޑް ހުށަހަޅާފައިނުވާ ރަށްތައް އަލުން ބިޑަށް ހުޅުވާލާނެ ކަމަށެވެ.
ސަރުކާރުން ރިސޯޓް ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން ނ. ކުންނަމަލައިއަށް ބިޑް ހުށަހަޅާފައި ވަނީ ތިން ފަރާތަކުންނެވެ. އޭގެ ތެރެއިން އެންމެމަތީ އަގެއް ހުށަހަޅާފައި ވަނީ ޒުހުދާ އަލީ އެވެ. އޭނާ ހުށަހަޅާފައި ވަނީ 5.6 މިލިއަން ޑޮލަރެވެ. އަދި ރ. ކުޑަފުއްޓަށް ބިޑް ހުށަހަޅާފައި ވަނީ ހަމައެކަނި ޕާލް ޕްރެސްޓީޖް އިންނެވެ. އެ ކުންފުނިން ހުށަހެޅީ 3.5 މިލިއަން ޑޮލަރެވެ. އަދި އެ އަތޮޅު ފަސްމަންދޫ އަށް ހަ ފަރާތަކުން ބިޑް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެމަތީ އަގެއް ހުށަހަޅާފައި ވަނީ މުހައްމަދު ޝިވާޒް މޫސާ އެވެ. އޭނާ ހުށަހަޅާފައި ވަނީ ފަސް މިލިއަން ޑޮލަރެވެ. އަދި މ. މަޑިފުއްޓަށް ބިޑް ހުށަހަޅާފައި ވަނީ ދެ ފަރާތަކުންނެވެ. އޭގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާފައި ވަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އިންނެވެ. އެ ކުންފުނިން ހުށަހަޅާފައި ވަނީ 3.3 މިލިއަން ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސޯލިހު ވިދާޅުވީ މިފަހަރު ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓް ދެއްކުމަށް ފުރުސަތު ދެވޭނީ އެންމެ މަތިން އަގު ހުށަހެޅި ތިން ފަރާތަށް ކަމަށެވެ. އަދި އެ ފަރާތްތަކުން އެކުއިޒިޝަން ކޮސްޓް ދެއްކުމާ އެކު އެގްރިމަންޓްގައި ސޮއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.