01 Aug 2013, 14:08
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެއިން ބަނގުރާ ފެނުނު މައްސަލަ ޕީޖީން އަނބުރާ ފުލުހުންނަށް ފޮނުވާލުމުން ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ފަހު ދެ ވަނަ ފަހަރަށް އެ މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕީޖީން އެދިފައި ވާތީ ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ޕީޖީއަށް މިއަދު އެމައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު މުލިއާގެ އިން ބަނގުރަލާއި މަސްތުވާތަކެތި ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުރަތަމަ ފަހަރަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 12 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އިތުރަށް ތަހުގީގު ކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް ފޮނުވާފަ އެވެ.
މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދު ކޮށްފައިވާ ރާފުޅިތައް ވެސް ހުއްޓެވެ. އަދި ރާއްޖޭން ބޭރުންގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތީގައި ސިޓީ އުރައިގެ ބޭރުގައި ދިވެހިން ލިޔެފައި ވަނީ ދިވެހިންނެވެ.
ފުލުހުން އޭރު ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގައި ކަމަށާއި، އޭގެ ބޭރުގައި ސިފައިންގެ ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައިވާކަން އަންގައިދޭ ސްޓޭމްޕް ވެސް ޖަހައިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ބަނގުރާ ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި މުލިއާގޭގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށެވެ.