01 Aug 2013, 13:54
ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށި، އޭގެ ނުރައްކާތެރިކަން އިނގިރޭސިންނާ ކުރިމަތި ވެއްޖެ ހިނދެއްގައި އިނގިރޭސި ރާނީ ގައުމާ މުހާތަބުކޮށް ދެއްވުމަށް ނިންމާފައިވާ ތަގުރީރުގެ ކޮޕީއެއް 31 އަހަރު ފަހުން އާންމުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ނޭޝަނަލް އާކައިވްގައި ދައުލަތުގެ ސިއްރުގެ ގޮތުގައި ބަހައްޓާފައި ހުރި ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް އާންމު ކުރިއިރު އޭގެތެރޭގައި 1983 ވަނަ އަހަރު، ރާނީ ދެއްވުމަށް ތައްޔާރުކުރި ތަގުރީރު ވެސް ވަނީ އާންމުކޮށްފަ އެވެ.
ނިއުކްލިއާ ހަނގުރާމައެއް ދުނިޔޭގައި ފެށިދާނެ ކަމުގެ އެންމެ ނުތަނަވަސް ވެގެން ދިޔަ ދަނޑިވަޅުގައި، ކުރީގެ ސޯވިއެޓް ޔޫނިއަންއާއި ހުޅަނގުގެ އެހެނިހެން ގައުމުތަކާ ދެމެދު އުފެދު ނުތަނަވަސްކަމުގެ ތެރޭގައި، ރަޝިޔާ އިން އިނގިރޭސީންނަށް ދީފާނެ ނުރައްކާތެރި ހަމަލާއަކަށް ބަލައި، ރާނީގެ އެ ތަގުރީރުގައި، އެއްވެސް ފަރާތަކުން އިންސާނިއްޔަތަށް ނުރައްކާ ހުރި "ޑެޑްލީ ޓެކްނޮލޮޖީ"އެއް ކަމަށްވާ ނިއުކްލިއާ ހަތިޔާރު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލާއިފައިވެ އެވެ.
ރާނީ ދެއްވުމަށް ތައްޔާރު ކުރެވިފައިވާ އެކަމަކު ދެއްވަން ޖެހިވަޑައި ނުގެންނެވި އެ ތަގްރީރުގައި ވިދާޅުވެފައި ވަނީ، "ގައުމުގެ ސަލާމަތާއި މިނިވަންކަން މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ މި ހިތާމަވެރި ގަރުނުގައި ގައުމަށް ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމުގެ ގާބިލްކަން އެބަ ހުރިކަމަށާއި، އަދި ކުރިން ހިނގާދިޔަ ހާދިސާ ތަކުގެ ސަބަބުން މިހާރު ކުރިމަތިވަމުން އަންނަ ނުރައްކަލާ ކުރިމަތިލުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ،" ކަމަށެވެ.
"ކުޑަ ހިނދުކޮޅަކަށް ވެސް އަޅުގަނޑު އިހްސާސްކުރެވިފައެއް ނުވޭ މިފަދަ ބިރުވެރި ނުތަނަވަސް ކަމަކާ ކުރިމަތިލާން ޖެހިދާނޭ ކަމަކަށް،" ރާނީގެ ސްޕީޗްގައިވެ އެވެ. "އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ މިފަހަރު ކުރިމަތިވެގެން މިއަންނަ ބިރުވެރިކަމަކީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިވެފައި ނުވާވަރުގެ ބިރުވެރިކަމެއްކަން."
ރަޝިޔާއާއި އެމެރިކާއާ ދެމެދުވެސް އިންތިހާއަށް ގުޅުން ގޯސްވެގެން ގޮސްފައިވާ އެ ދަނޑިވަޅުގައި އެމެރިކާގެ އޭރުގެ ރައީސް ރޮނާލްޑް ރޭގަން ސޯވިއެޓް ޔޫނިއަން ސިފަ ކުރައްވާފައި ވަނީ، "ޝައިތާނީ ވެރިކަމެއް"ގެ ގޮތުގަ އެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް މެދު ރާސްތާގެ މިސައިލްތައް ފޯރުކޮށްދީ "ސްޓާ ވޯސް" ޕްރޮޖެކްޓް ފެއްޓި އެވެ.
ނޭޓޯއިން އެދުވަސްވަރު، "އޭބަލް އާޗާ"ގެ ނަމުގައި ފެއްޓި ހަނގުރާމަމަތީ ތަމްރީނުތަކެއް ސޯވިއެޓަށް ސިފަވެގެން ދިޔައީ އެއީ ހަގީގަތުގައި ވެސް ހަނގުރާމަ ފެށުނީ ކަމަށެވެ. އަދި އޭގެ ސަބަބުން ސޯވިއެޓާ ނޭޓޯއާ ދެމެދު ހަނގުރާމައިގެ ކުރިމަތި ލުމަކަށް ނުދިޔައީ ހަމަ ކިރިޔާއެވެ.
ހަނގުރާމަ ފެށުމާއެކު ގައުމާ މުހާތަބުކޮށް ރާނީ ދެއްވުމަށް ނިންމާފައިވާ ތަގުރީރު ބްރޯޑްކާސްޓް ކުރުމަށް ނިންމާފައި އޮތީ ހަތަރެއް މާޗް 1983ވީ ހުކުރުދުވަހު އެވެ.
ނޭޝަނަލް އާކައިވްއިން އަލަށް ހާމަކުރި "ޓޮޕްސީކްރެޓް" ލިޔުންތަކުން ހާމަވެފައިވާ ގޮތުގައި، އޭރު ރަޝާއިން ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި އުފެއްދި "ލޭޒާ ޓެކްނޮލޮޖީ"ވެސް އިނގިރޭސިންވަނީ، އަމިއްލައަށް ތަރައްގީކޮށް ކުރިމަތިކުމަށްކަށް ދާން ޖެހިއްޖެ ނަމަ ރަޝާއާ ދެކޮޅަށް ލޭޒާ ޓެކްނޮލޮޖީވެސް ބޭނުން ކުރެވޭވަރަށް ތައްޔާރުވެގެން ނެވެ.
އިނގިރޭސީން ލޭޒާ ޓެކްނޮލޮޖީގެ ބާރު ގަދަ ހަތިޔާރު ފުރަތަމަ އުފެއްދީ އެގައުމުގެ އޭރުގެ ބޮޑުވަޒީ މާގްރެޓް ތެޗާގެ އެދުމުގެ މަތިންނެވެ. އެހެން ނަމަވެސް އިނގިރޭސީން އޭރު އުފެއްދި އާ ހަތިޔާރު އެއްވެސް ހަނގުރާމައެއްގައި ބޭނުންކޮށް އެއާބެހޭ ހުރިހާ މައުލޫމާތެއް ވެސް ވަނީ ވަރަށް ބޮޑަށް ރައްކާކޮށްފަ އެވެ.
ބޮޑުވަޒީރު ތެޗާ ދެއްވަން ތައްޔާރު ކޮށްފައިވާ ތަގްރީރުގައި ލިޔެފައި ވަނީ އިނގިރޭސީން ބޭނުންވަނީ، އަމާންކަމާއި އެއްބައިވަންތަކަން ގާއިމް ކުރަން ކަމަށާއި އަދި ކޮންމެ ހާލެއްގައި ވެސް އެކަން ހާސިލުކުރުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ، ކަމާ ނުބެހި ތިއްބާ ހަނގުރާމައިގެ އަމާޒަކަށް ވެފައި. އެކަމުން ސަލާމަތްވުމަށް އަހަރުމެންގެ ބައިވެރިންނާ ގުޅިގެން އަޅުގަނޑުމެން ރައްދު ދޭނަން." ތެޗާ ދެއްވަން ތައްޔާރު ކުރެއްވި ތަގްރީރުގައިވެ އެވެ.