01 Aug 2013, 13:35
ޓޮޓެންހަމަށް ކުޅެމުންއަންނަ ވޭލްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ގެރެތު ބޭލް ހޯދުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގެރެތު ބޭލް ހޯދުމަށް ރެއާލްއިން ގިނަ މަސައްކަތްތަކެއް ފަށާފައިވާ އިރު، އެކުލަބުން އޭނާ ހޯދަނީ ރެކޯޑް އަގެއްގައި ކަމަށް ބައެއް ރިޕޯޓްތަކުން ބުނެ އެވެ. އެގޮތުން އަޑުފެތުރިފައި ވަނީ ބޭލް އަށް ރެއާލްއިން 86 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއް ހުށައެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ ބޭލް އަކީ ރެއާލްއަށް މުހިންމު މިޑްފީލްޑަރެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި ރެއާލްގެ މެނޭޖްމަންޓުން މަސައްކަތް ފަށާފައިވާ ކަަމަށެވެ.
"ބޭލް އަކީ ރެއާލް އަށް މުހިންމު ކުޅުންތެރިއެއް. އޭނަގެ ކުޅުމާމެދު އަހަރެން ވެސް ހިތްހަމަޖެހޭ." އަންޗެލޮއްޓީ ބުނެފައިވެ އެވެ.
އުމުރުން 24 އަހަރުގެ ބޭލް ބުނީ، އޭނާ ރެއާލްގެ ހުށައެޅުމަށް ފުރަގަސް ދޭން ބޭނުން ނުވާކަމަށާއި ރެއާލްއަށް ދާން ބޭނުންވާ ވާހަކަ ޓޮޓިންހަމްގެ މެނޭޖް މަންޓަށް މީގެ ދެ ހަފްތާއެއް ކުރިން އަންގާފައި ވާނެ ކަމަށެވެ.
ރެއާލްއިން މިހާތަނަށް އެންމެ އަގުބޮޑުކޮށް ހޯދި އެއްކުޅުންތެރިޔަކީ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ އެވެ. ރެއާލްއިން ރޮނާލްޑޯ ހޯދާފައި ވަނީ އަށްޑިހަ މިލިއަން ޕައުންޑަށެވެ.