01 Aug 2013, 12:39
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ހުއްޓައި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ދިފާއީ ވަކީލު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެ މީހުންގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރުނުވާތީ މިއަދު ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީސް ވަނީ ކެންސަލްކޮށްފަ އެވެ.
އަރްހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން އާއި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް އާއި ހަމަ އެރަށު އެވާބްލޫ މުހައްމަދު ވިސާމްގެ އިތުރުން މއ. ސީނަރީވިޔު އާތިފް ރަޝީދުގެ މައްޗަށެވެ.
ޝަރީއަތް ކެންސަލްވިކަން އެންގުމުގެ ގޮތުން ދައުވާ ލިބޭ މީހުން ކޯޓު ރޫމަށް ވެއްދުމަށް ފަހު ގާޒީ ވިދާޅުވީ މިއަދު 10:00ގައި ޝަރީއަތުގެ މަޖިލީސް އޮންނާނެކަން ވަކީލަށް ކުރިން އަންގާފައިވާނެ ކަމަށެވެ.
ގާޒީ ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ބޭއްވުމަށް ޓަކައި ގަޑިއެއްހާއިރު ވަންދެން ވަކީލަށް ފޯނުކޮށްފައިވާނެ ކަމަށާއި ނަމަވެސް ފޯނު ނިއްވާލާފައި ވާތީ އޭނާއާ ގުޅޭނެ ގޮތެއް ނުވި ކަމަށެވެ.
ވަކީލުގެ ސަބަބުން އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި އެހެން ކަމުން މިއަދުން ފެށިގެން އެ ވަކީލު ބަލައިނުގަންނާނެ ކަމަށް ގާޒީ ވަނީ ދައުވާ ލިބޭ މީހުންނަށް އަންގާފަ އެވެ.
އެހެންވަކީލަކު ހަމަޖައްސަން ކިހާމުއްދަތެއް ބޭނުންވޭތޯ ގާޒީ އެއްސެވުމުން އެ މީހުން ބުނީ ދެ ހަފްތާގެ މުއްދަތެއް އެކަމަށް ބޭނުންވާ ކަމަށެވެ.
އަރްހަމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގާތްގަނޑަކަށް 4:45 އެހައިކަންހާއިރު ލޮރެންޒޯ ޕާކްތެރޭގައި ހުއްޓަ އެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމީހުންނާ ދެކޮޅަށް ބަޔަކު ވަނީ ހެކިބަސްދީފަ އެވެ.