01 Aug 2013, 12:34
މެއި މަހާ އަޅާ ބަލާއިރު މިދިޔަ ޖޫން މަހު ބޭރު ފައިސާގެ ރިޒާވް ތިން ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ ނެރުނު ޖޫން މަހު އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މެއި މަހާ އަޅާބަލާ އިރު ޖޫން މަހު 11.2 މިލިއަން ޑޮލަރު ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ހަ މަސް ދުވަސް ނިމުނުއިރު ރިޒާވް ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަސް ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 344.4 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރިޒާވްގައި ހުރީ 320 މިލިއަން ޑޮލަރެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރަކީ 2.7 މަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ. މިދިޔަ މަހު ހުރި ބޭރު ފައިސާގެ ރިޒާވަކީ 2.6 މަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރު ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.