މި އަހަރުގެ ދެ ވަނަ ކުއާޓާގެ ރިޕޯޓް އާންމުނުކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެޗްޑީއެފްސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޖޫރިމަނާކޮށްފި އެވެ.

ސީއެމްޑީއޭ އިން މިއަދު ބުނީ އެ ދެ ކުންފުނި ވެސް ޖޫރިމަނާކޮށްފައި ވަނީ ކޮންމެ ކުންފުންޏެއް 30،000ރ. އިން ކަމަށެވެ. އަދި އެ ދެ ކުންފުންޏަށް ވެސް ވަނީ މިއަދުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ރިޕޯޓް ޝާއިރުކުރެވޭނެ ތާރީހެއް އާންމުކޮށް އަންގައި އިއުލާންކުރުމަށް އަންގާފައި ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން ބުނީ އެމްޓީޑީސީގެ ބޯޑު މެމްބަރުން މިވަގުތު ހަމަނުވާތީ އެރިޕޯޓް ނެރެން ޖެހޭ ތާރީހު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ސަބަބަކީ ކުއާޓާ ރިޕޯޓް ޝާއިރު ކުރުމަށް ދަތިވާ ފަދަ ހާއްސަ ހާލަތެއް ކަމަށް ސީއެމްޑީއޭ އަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވައިދުގެ ހަތް ވަނަ މާއްދާގެ ދަށުން މަދުވެގެން އަހަރަކު ހަތަރު ފަހަރު ޝާއިރުކުރަން ޖެހޭ ރިޕޯޓް އެ އަހަރެއްގެ ކޮންމެ ތިން މަހެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި ޝާއިރުކުރަން ޖެހެ އެވެ.