10 Nov 2010, 09:03
ދިރާސާ ކުރުމަށް 150000 ޑޮލަރު[ 1.9 މިލިއަން ރުފިޔާ] ދިންތާ އަހަރު ދުވަސް ނުވަނީސް، އައިޖީއެމްއެޗު ހިންގަން ހަވާލުކުރި އިންޑިއާގެ ކުންފުނި، އެޕޯލޯއާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން "ނިމުމަކަށް ގެނެސްފައިވާ ކަމަށް" ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓަރު އާމިނަތު ޖަމީލު އިއްޔެ ސަންއެފްއެމް އޮންލައިނަށް ވިދާޅުވީ އެޕޯލޯއާ އެކު ވެފައިވާ އެއްބަސްވުން "ނިމުމަކަށް ގެނަން ޖެހުނީ" އައިޖީއެމްއެޗު ތަރައްގީ ކުރުމަށް ބޭނުންވާ މިންވަރަށް އެފަރާތަށް ފައިސާ އިންވެސްޓް ކުރެވޭނެ ކަމުގެ ޔަގީންކަން ނުދެވެމުން ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޒުބައިރު މުހައްމަދު މިއަދު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ 15ގައި ދިވެހި ސަރުކާރާއި އެޕޯލޯ އާ އެކު ވެފައިވާ އެއްބަސްވުން ހެލްތު މިނިސްޓަރު "ނިމުމަކަށް ގެންނެވީ" އެ ކުންފުންޏަށް މިނިސްޓަރު ދެ ސިޓީއެއް ފޮނުއްވުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ އެއް ސިޓީ ފޮނުއްވީ ސެޕްޓެމްބަރު 30ގައި ކަމަށާއި އަނެއް ސިޓީ ފޮނުއްވީ އޮކްޓޫބަރު 1ގައި ކަމަށެވެ. ނަމަވެސް އެ ދެ ސިޓީގެ ތަފުސީލުގައި އޮތީ ކޮން ވާހަކައެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ޒުބައިރު ވިދާޅުވީ އެޕޯލޯ އިން ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި "ސިޓުއޭޝަނަލް އެނަލިލިސް" ރިޕޯޓެއް ހުށަހެޅި ކަމަށާއި އަދި ކޮންމެވެސް ވަރަކަށް ފަންނީ އިރުޝާދު ވެސް ދިން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މުއްދަތު ފަހަނަޅައި ދިޔަ އިރު އެޕޯލޯ އަށް "ޓްރާންސްފާ އެރޭންޖްމަންޓް އެގްރީމަންޓަކާއި އޮޕަރޭޝަނަލް އެގްރީމަންޓެއް" ހުށަހެޅިފައި ނުވާ ކަމަށެވެ.
"އަދި އެބޭފުޅުންގެ ފަރާތުން އިންވެސްޓް ކުރާނެ ކަމުގެ ޖާމިނުވުމެއް ވެސް ނެތް،" ޒުބައިރު ވިދާޅުވި އެވެ.
ސަރަކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އިންޑިއާގެ ކުންފުންޏަކަށް 15 އަހަރު ދުވަހަށް ކުއްޔަށް ދިން ކަމަށް ސަރުކާރުން އިއުލާން ކުރި އިރު ބުނީ، އައިޖީއެމްއެޗު ތަރައްގީ ކުރުމަށް އެޕޯލޯ އިން 20 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެޕޯލޯ އަށް ހީވެފައި އޮތީ ކެޕިޓަލް އިންވެސްޓްމަންޓްގެ އެއްބަޔަކީ ސަރުކާރުން ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ.