ޤާހިރާ (އޮގަސްޓް 1): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައިއޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދާ މުޒަހަރާތަކާއި އިޙްތިޖާޖްތައް ރޫޅާލައި އެކަން ނިމުމަކަށް ގެނައުމުގެ ބާރާއި އިޚްތިޔާރު ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމްއަށް ދިނުމަށް މިސްރުން ނިންމި ނިންމުމަށް މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ގޮންޖަހައިފި އެވެ.

މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ޖިހާދުލްޙައްދާދު ވިދާޅުވީ މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މީހުން މެރި ނަމަވެސް މުޒާހަރާތައް ހުއްޓާނުލާނެ ކަމަށާ މީގެކުރިން ވެސް މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބަޑިޖަހައިގެން 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމުގަ އެވެ. އަދި މިސްރުގެ މިހާރުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށާ އެސަރުކާރަށް ގޮތް ހުސްވެފައިވާ މިންވަރު މިނިންމުމުން ހާމަވާ ކަމަށާ އަދި ސަރުކާރުގެ މިނިންމުމަކީ ބިރު ދެއްކުމުގެ ޢަމަލެއް ކަމަށް ވެސް ޖިހާދުލްޙައްދާދު ސިފަކުރެއްވި އެވެ.
މިސްރުގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ނެރުނު ބަޔާނެއްގައި މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން އޭނާ ވެރިކަމަށް އަލުން އިޢާދަކުރުމަށް ގޮވާލައި ކުރަމުންގެންދާ މުޒާހަރާތަކަކީ މިސްރުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސިފަކޮށް އެކަން އިތުރަށް ކުރިޔަށް ގެންދިޔުމުގެ ފުރްސަތު ނުދޭނެ ކަމަށް ބުނެފައިވެ އެވެ.

މިބަޔާން ބުނެފައި ވަނީ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ޤަހިރާގެ ރާބިޢާއަލްޢަދަވިއްޔަ މައިދާނާއި ނަހްޒާ މައިދާން ޙިސާރުކޮށްގެން ކުރިޔަށްގެންދާ އިޙްތިޖާޖްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި އިޙްތިޖާޖްތަކެއް ކަމަށާ މިއިޙްތިޖާޖްތައް ނިމުމަކަށް ގެންނާނެ ކަމުގަ އެވެ.

މިސްރުގެ ވަގުތީ ސަރުކާރުން މިބަޔާން ނެރެފައި މިވަނީ މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ ގަޔަށް ބަޑިޖަހައި 139 މީހަކު މެރިކަމުގެ ތުހުމަތު އިޚްވާނުލްމުސްލިމޫން ޖަމާއަތުން މިސްރުގެ ސިފައިންނާއި ފުލުހުންގެ މައްޗަށް ކޮށްފައިވަނިކޮށެވެ. އަދި ސުލްހަވެރިކަމާ އެކު މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރުމުގެ ފުރްސަތު ހުރިހާ ފަރާތްތަކަކަށް ވެސް ދިނުމަށް އެމެރިކާއާއި އދ. އާއި ޔޫރަޕްގެ އިއްތިޙާދުން ގޮވާލާފައި މުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރި މައްސަލަ ބައިނަލްއަޤްވާމީ މުޖްތަމަޢުން ކުށްވެރި ވެސް ކޮށްފައިވަނިކޮށެވެ.

މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވައިފި ނަމަ މިސްރުގައި ވަރުގަދަ ލޭއޮހޮރުވުމެއް ހިނގާނެ ކަމަށާ މިފަދަ ލޭއޮހޮރުވުމެއް ހިނގައިފި ނަމަ މިސްރުގެ މަސްރަޙު އިތުރަށް ގޯސްވެ އަހްލީ ހަނގުރާމައަކަށް ވެސް މަގުފަހިވެގެން ހިނގައިދާނެ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ. މިސްރުގެ ވަޒީރުންގެ މަޖިލީހުގެ ބަޔާނާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުންވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އަދި މިދެފަރާތުން ވަނީ މިކަމާބެހޭ ގޮތުން މިސްރުގެ ވަގުތީ ސަރުކާރާ މަޝްވަރާ ކުރުމަށް ޤަހިރާއަށް ވަރަށް އަވަހަށް މަންދޫބުން ފޮނުވާނެކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)