01 Aug 2013, 10:41
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ރަސްމީ ބަންދު ދުވަހެއް ފިޔަވައި، ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ ދުވަހެއްގައި ޖަލްސާ ބާއްވަންޖެހޭނެ އެވެ. އެގޮތުން ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް، ހަފްތާގެ މެދުތެރެއިން އައި ބަންދު ދުވަސްތައް ފިޔަވައި 26 ދުވަހު ޖަލްސާ ބާއްވަންޖެހޭނެ އެވެ.
ނަމަވެސް ދެ ވަނަ ދައުރުގައި މިހާތަނަށް ބޭއްވީ އެންމެ 16 ޖަލްސާ އެވެ. ޖަލްސާ ބާއްވަންޖެހޭ 10 ދުވަހު މަޖިލީހުގެ ޖަލްސާ ނުބާއްވަނީ ތަޅުމަށް އެޖެންޑާ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.
މަޖިލީހުގެ ތަޅުމުގެ މަސައްކަތަށް މަޑުޖެހުމެއް އައިސް، މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ ހަފްތާއަކު އެއް ފަހަރެވެ. އެ ގޮތުން މިދިޔަ ހަފްތާއާއި މި ހަފްތާގައި ބާއްވާފައި ވަނީ އެންމެ ދެ ޖަލްސާއެކެވެ.
މަޖިލީހުގެ ތަޅުމަށް ސަރުކާރުންގެ ފަރާތުންނާއި މެންބަރުން ތައްޔާރު ކުރައްވާފައިވާ ބިލް ހުށަހަޅައި، ކޮމެޓީތަކުން ހުށަހަޅާ ކަންކަމަށް ބަހުސް، ކުރަމުން އައި ތަޅުމަށް މަސައްކަތެއް އެޖެންޑާކޮށްފި ނަމަ ކުރަނީ އެންމެ މަސައްކަތެކެވެ. އެގޮތުން އިއްޔެ މަޖިލީހަށް ހުށަހަޅާފައި ވަނީ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ރުހުންދިނުމާ މެދު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ހުށަހެޅި ރިޕޯޓު އެކަންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަޖިލީހުގެ މެންބަރުން އަތޮޅުތަކުގައި ކެމްޕެއިންގައި އުޅުއްވާ އިރު، މަޖިލީހުގެ ގިނަ ކޮމެޓީތައް އޮތީ ހުއްޓިފަ އެވެ. ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންގެ އަދަދަށް ބަދަލު އައުމާ އެކު އިއްޔެގެ ނިޔަލަށް ކޮމެޓީތަކުގެ މަސައްކަތް ހުއްޓުނު އިރު، ގިނަ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެ އެވެ.
އެ ކޮމެޓީތަކުގައި މުހިއްމު ބިލްތަކެއް ނުނިމިފައި އެބަހުއްޓެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ ބިލާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ހެއްކާބެހޭ ބިލާއި ޖިނާއީ އިޖުރާތުގެ ބިލް ހިމެނެ އެވެ. އަދި ވިޔަފާރި އާއި ޓެކްސްގެ އާ ގުޅުންހުރި ބިލްތައް ވެސް މަޖިލީހުގެ ކޮމެޓީ މަރުހަލާފައި ޕާކުކުރެވިފައި އެބަހުއްޓެވެ.