ޝަންހާއި (އޮގަސްޓް 1): ޗައިނާ އަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނާ އެކު 10 މީހުން މަރުވުމުން އެގައުމުގެ ސަރުކާރުން އިންޒާރުގެ އެލާޓެއް ނެރެފި އެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ އާދަޔާ ޚިލާފު ހޫނާ އެކު ބައެއް ސަރަހައްދުތަކުގެ ހޫނުމިން 40 އާއި 45 ޑިގްރީ ސެލްސިއަސް އަށް މައްޗަށްގޮސްފައިވާ ކަމުގަ އެވެ. ހޫނުން ސަލާމަތް ވުމަށް ޓަކައި ބޭރަށް ނުކުތުން މަދުކޮށްގިނައިން ފެންބުއިމާއި ފެންވެރުން ފަދަ ހޫނުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޗައިނާ ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ޗައިނާގައި ހޫނުކަން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައި ވަނީ މޫސުމަށް އައި ބަދަލަކާ އެކު ޕްރެޝަރު މައްޗަށް ގޮސްގެން ކަމަށް ޗައިނާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. ހޫނުމިން މައްޗަށް ގޮސްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޗައިނާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޝަންހާއީ ހިމެނެ އެވެ.

ޝަންހާއިގައި ހޫނު މިން 43 ޑިގްރީ ސެލްސިއަސްއަށް ގޮސްފައިވާ އިރު މިއީ ވޭތުވެދިޔަ 140 އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ރަށެއްގެ ފިނިހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ޚަބަރުލިބެ އެވެ. ޗައިނާގެ އެކި ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ޚިލާފަށް ހޫނުގެ ސަބަބުން 10 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ބުނެ އެވެ. (ނޫސްއެޖެންސީތައް)