01 Aug 2013, 09:10
ގާނޫނު އަސާސީ ބުނާގޮތުން ނަމަ ކޮންމެ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ވޭތުވެދިޔަ އަހަރު ދައުލަތުގެ މުއައްސަސާތައް ހިންގާފައިވާގޮތާ ބެހޭ އޮޑިޓް ރިޕޯޓްތައް ނެރެ އާންމުކުރަންޖެހެ އެވެ. ނަމަވެސް 2012 ވަނަ އަހަރު ނިމި ހަތް މަސް ފާއިތުވެގެން ދާއިރު ވެސް ސަރުކާރުގެ އިދާރާއަކާ ގުޅޭ ގޮތުން މިހާރު ނުކުމެފައި ވަނީ އެންމެ އޮޑިޓް ރިޕޯޓްއެކެވެ. އެއީ އެޓާނީ ޖެނެރަލް އޮފީހުގެ އޮޑިޓް ރިޕޯޓެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މި ހަފްތާގައި "ސަން" އަށް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މުއްދަތައް މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ނުނެރެވޭކަން ގަބޫލު ކުރައްވާ ކަމަށާއި އެކަން ނުކުރެވުނީ ގިނަ ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައެއް އިދާރާތަކުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވައި އޮޑިޓާ ޖެނެރަލް ވިދާޅުވީ ގިނަ އިދާރާތަކަކުން މާލީ ހިސާބު ވެސް ހުށަނާޅާ ކަމަށެވެ. އަދި އޮޑިޓް އޮފީހުގައި ވެސް ގާބިލު މީހުން މަދުކަމުގެ ދަތިކަން ވެސް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ހުރިހާ އޮޑިޓް ރިޕޯޓްތަކެއް ނިންމައި ރިޕޯޓިން ސުޓޭޖުގައި ތަންތަނަށް ފޮނުވާ ސުޓޭޖުގައި މިހާރު މި ތިބީ، އަދި ގާނޫނީ ގޮތުން ޑެޑްލައިނެއް އަޅުގަނޑުމެނަކަށް މީޓެއް ނުކުރެވޭ، އޭގެ ބައިވަރު ސަބަބުތައް ވެސް އެބަހުރި އިނގޭތޯ، އޭގެ ތެރޭގައި ގިނަ އިދާރާތަކުން މާލީ ހިސާބްތައް ވެސް ހުށަނާޅާކަން ފާހަގަކުރެވޭ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް އިތުރަށް ވިދާޅުވީ އެ ރިޕޯޓްތައް ނެރުމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި އަދި ވަރަށް އަވަސް މުއްދަތެއްގައި އެ ރިޕޯޓްތައް ނެރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިދިޔަ އަހަރުގެ އެންމެ އޮޑިޓް ރިޕޯޓެއް މިހާތަނަށް ނުކުމެފައިވާ އިރު އެ ރިޕޯޓްގައި ވެސް ކަންބޮޑުވާ ފަދަ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސީމެގް އިން ރާއްޖޭގެ މައްސަލައެއް ބެލުމުން އެކަމާ ގުޅިގެން އެ އޮފީހުން ރާއްޖެ އިން ބޭރުގެ ގާނޫނީ މާހިރަކަށް 1.2 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން އެ އޮފީހުން މާލިއްޔަތު ގަވައިދާއި ހިލާފަށް ފްލައިޓް ޓިކެޓް ގަތުމަށް 45،994ރ. ހޭދަކޮށްފައިވުމާއި އޭޖީ އޮފީހަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން ފަދަ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނަރަލް އޮފީހުގެ މަސައްކަތްތައް ލަސްވެ، އެ އޮފީހުގެ ޕާފޯމެންސާ މެދު މާލިއްޔަތު ކޮމެޓީގެ މެންބަރުން ސުވާލު އުފެއްދުމުން އޮޑިޓާ ޖެނަރަލް މިދިއަ ހަފްތާގައި ކޮމެޓީ އަށް ހާޒިރު ކުރުމުން ވިދާޅުވީ "ހިތްހަމަޖެހޭ މިންވަރާ ގާތަށް ވެސް" އޮޑިޓް އޮފީހުގެ ޕާފޯމެންސެއް ނުދެއްކޭ ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް އޮފީހުގެ ޕާފޯމަންސް ރަނގަޅު ކުރުން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި "އޯވަ ނައިޓަކުން" މުއައްސަސާއެއް ނަގާ ކޮޅަށް ނުޖެއްސޭނެ ކަމަށެވެ.