01 Aug 2013, 00:43
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ސާކް ސަމިޓް ބާއްވަން ކުރި ތައްޔާރީތަކުގައި ގާނޫނާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ތަހުގީގުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.
ގައުމާއިގެން ކުރިއަށް ކޯލިޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އައްޑޫ ސިޓީގައި ސާކް ސަމިޓް ބާއްވަން ކުރި ތައްޔާރީތަކުގައި ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް އެމަނިކުފާނު ފުލުހުންނަށް ހުށަހަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކަމަށެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިހާރު ވާނީ ފުލުހުންނަށް ދަންނަވާފައި އެކަން [ސާކް ސަމިޓް ބާއްވަން ކުރި ތައްޔާރީތަކުގައި ގާނޫނާ ޚިލާފަށް ހިންގާފައިވާ އަމަލުތައް] ތަހުގީގު ކޮށްދެއްވާށޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.
އަވަސް އަވަހަށް ކަންތައް ނުކުރެވޭ ވާހަކަ ބައެއް ފަރާތްތަކުން ދައްކާ އިރު އަވަސްކޮށްލަން ވެގެން ސާކްސަމިޓަށް ތައްޔާރުވުމުގެ ގޮތުން 400 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ރައީސް ނަޝީދުގެ ސަރުކާރުން ގާނޫނާ ހިލާފަށް ޚަރަދުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ގާނޫނާ ޚިލާފަށް ގިނަ އަދެއްގެ ފައިސާތައް ޚަރަދުކޮށްފައިވާ އިރު އެ ފައިސާ އަށް ވީގޮތެއް ވެސް އެނގެން ނެތް ކަމަށެވެ.
ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާކަން ފަޅާއަރާފައި ވަނީ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވާފައިވާ ސާކް ސަމިޓްގެ އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓުން އެނގުނުގޮތުގައި ސާކް ސަމިޓުގެ ތައްޔާރީތައް ވުމުގެ ގޮތުން ކުރި މަސައްކަތްތައް ސިފައިންނާއި ފުލުހުން ލައްވައި ކުރުވުމަށް ފަހު ނުހައްގުން އެތައް ބަޔަކަށް އެތަކެއް މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
ސާކް ސަމިޓުގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އަވަސް އަރުވާލައިގެން މަސައްކަތް ކުރުމުން މާލިއްޔަތު ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް ޚިޔާނާތެއް ވެފައި ނުވާނެ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވި ސާކް ސަމިޓްގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް 16.8 މިލިޔަން އަށް ވުރެ ގިނަ ރުފިޔާ، މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމަށެވެ. އަދި ސާކް ސަމިޓަށް އައްޑޫ ސިޓީ ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ލައްވާ ކުރުވުމަށް ފަހު އެ މަސައްކަތް ކުރުމަށް ސަދަން ޔުޓިލިޓީޒް (އެސްޔޫއެލް) އަށް 5.1 މިލިއަން ރުފިޔާ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ދީފައިވެ އެވެ. އަދި އެސްޔޫއެލްއިން އެ ފައިސާގެ ތެރެއިން ވުޖޫދުގައި ނެތް ކުންފުންޏަކަށް އެތައް މިލިޔަން ރުފިޔާއެއް ދީފައިވާކަން އޮޑިޓް ރިޕޯޓް ތަހުގީގުތަކުން މިހާތަނަށް ހާމަވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގައި ބެހެއްޓި ދެ ޑިސްޕުލޭ ޔުނިޓް ގަތުމަށް 1.8 މިލިއަން ރުފިޔާ ލިންޓެލް އިންވެސްޓްމެންޓް މެނޭޖްމަންޓް ސާވިސަސް އަތުން ގަނެފައި ވަނީ ޓެންޑާ ބޯޑަށް ހުށަނާޅާ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި ކޮންވެންޝަން ސެންޓަރު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 210 މިލިއަން ރުފިޔާ ނަމަވެސް ތަފާތު އެކި ސަބަބުތަކާ އެކު އެ މަސައްކަތް ނިމުނު އިރު މަސައްކަތުގެ އަގަށް އިތުރު 61 މިލިއަން ރުފިޔާ މާލިއްޔަތު ގަވައިދާ ހިލާފަށް އެޑްވާންސް ފައިސާ ދީގެން ހަރަދުކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެފްޓްކެސް ކިޔާ ކުންފުންޏަކަށް އެތެރެ ނުކުރާ ބޭސްތަކަކަށް 8.5 މިލިއަން ރުފިޔާ ދިނުމާއި ޑަބްލްކޮށް ބިލް ހައްދައިގެން ޑިޒާސްޓާސް ސެންޓަރުން 24 މިލިއަން ރުފިޔާ ދޫކުރުމާއި ވިމްލާ ކޮންސްޓްރަކްޝަން ކުންފުނީގެ ނަމުގައި ވެސް 198 މިލިއަން ރުފިޔާއެއް ދޫކުރި މައްސަލައެއް ފެންމަތިވެފަ އެވެ. އަދި ވަޒީފާ އަށް ނުނުކުންނަ އެތައް ބަޔަކަށް އެތައް ޒަމާނެއް ވަންދެން މުސާރަ ދޫކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.