01 Aug 2013, 00:33
އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލް އޮތީ "ފޭލިވެފައި" ކަމަށާއި މާލެ އަކީ ވަކި ޕާޓީއެއްގެ "ޖަގަހައެއް"ގެ ގޮތުގައި ހިންގަން އޮތް ތަނެއް ނޫން ކަމަށް "ރައްޔިތުންގެ ކެންޑިޑޭޓް" ޑރ. މުހައްމަދު ވަހީދުގެ ރަނިން މޭޓް ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ލީޑް ކުރައްވާ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަހީދުގެ ރަނިންމޭޓް އަދި ޑީއާރުޕީގެ ލީޑަރު ތަސްމީން ވިދާޅުވީ އެމްޑީޕީ އަށް މާލޭ ސިޓީގެ މެޖޯރިޓީ ލިބިގެން މިވީ ދެ ތިން އަހަރުގެ ތެރޭގައި މާލެ އަށް ކޮށްދީފައިވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އެހެންވެގެން އަޅުގަނޑު މިދަންނަވަނީ މާލޭ ސިޓީ ކައުންސިލް މިއަދު އެ އޮތީ ފޭލިވެފައޭ. މިއަދު މާލޭ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކުގެ ފަތި މިވަނީ ކޮށިފައޭ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމައެކަނި މާލޭގެ ކުނީގެ މައްސަލައަށް ބަލާލުމުން ވެސް މާލޭ ސިޓީ ކައުންސިލް ހިދުމަތުގެ ފެންވަރު ވަޒަން ކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ކުނީގެ މައްސަލަ ސިޓީ ކައުންސިލަށް މެނޭޖު ނުކުރިގެން އުޅެނީ އެ ތަން ހިންގަން ތިބި މީހުންގެ "އިހްލާސްތެރިކަމެއް ނެތި" ތަޖުރިބާއެއް ނެތުމުން ކަމަށެވެ.
ތަސްމީން ވިދާޅުވީ މާލެއަކީ ރާއްޖޭގެ ވެރިރަށް ކަމަށް ވުމާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މީހުން ޒިޔާރަތް ކުރާ، "އިގްތިސާދު އަދި ވިޔަފާރީގެ މައި މަރުކަޒު" ކަމަށާއި "މިތަނަކީ ވަކި ޕާޓީއެއްގެ ޖަގަހައެއްގެ ގޮތުގައި ހިންގަން ހުރި ތަނެއް ނޫން" ކަމަށެވެ. އަދި އެކަން އެގޮތަށް އޮތުމަށް މިއަދު މާލޭގެ ރައްޔިތުން ވެސް އަދި ރާއްޖޭގެ ރައްޔިތުން ވެސް ބޭނުން ނުވާނެ ކަމަށެވެ.
"މިއަދު މާލޭގެ ރައްޔިތުން ވިސްނާލަން ޖެހޭ ތިޔަ ބޭފުޅުން ލައްވާ ވޯޓުގެ ސަބަބުން ނުކުންނާނޭ ނަތީޖާ. މިއަދު މާލޭ ސިޓީ ކައުންސިލް ވަނީ ފޭލުވެފައި. ރައީސް ނަޝީދު ވެސް ފޭލުވީ، މާލޭ ސިޓީ ކައުންސިލް ވެސް ފޭލުވީ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އެކަންކަން އެހެންވީ ތަޖުރިބާ އަދި އިހްލާސްތެރިކަމެއް ނެތް ބަޔަކާ ދައުލަތުގެ ބާރުތައް ހަވާލުކުރުމުން ކަމަށާއި ތަޖުރިބާ އާއި ކަންކަން ކުރުމުގެ ގާބިލުކަން ހުރި ބަޔަކާ ގައުމުގެ ހިންގުން ހަވާލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ޑރ. ވަހީދުގެ ޓީމް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ގައުމާއިގެން ކުރިއަށް ކޯލިޝަނުގެ އެއް އަމާޒަކީ ގައުމުން ކޮރަޕްޝަން ނައްތާލުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ނަޝީދުގެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު ފަސް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި އަދަދުތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށެވެ. ނަމަވެސް ތަސްމީން ވިދާޅުވީ ޑރ. ވަހީދުގެ ޒައާމަތުގެ ދަށުން "ދިވެހި އާދަކާދަތަކާއި ސަގާފަތުގެ ތަރަހައިގެ ތެރޭގައި" ޑިމޮކްރަސީ ރާއްޖޭގައި ފައްކާ ކުރައްވާނެ ކަމަށެވެ.