އަންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ މީހުންގެ 50 ޕަސެންޓް މީހުން މިއަދުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓްލާނެ ކަމަށް ބެލެވިފައިވާ 65،000 މީހުންގެ ތެރެއިން 32،500 މީހުން މިއަދުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ރަޖިސްޓްރޭޝަންގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު އަންނަ ހަފްތާގައި ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އަންނަ ހަފްތާގައި ވަރަށް ގިނަ މީހުން ވޯޓް ލުމަށް ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ. ކުރިން އަހަރުތަކުގެ ތަޖުރިބާއަށް ބަލާފައި، އަނެއް ކޮޅުން މިފަހަރު މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ލިބިގެން ނުދާނެތީ ފާއިތުވި ދުވަސްތަކުގައި ރަޖިސްޓްރީވި އަދަދަށް ވުރެ ގިނަ ބަޔަކު އަންނަ ހަފްތާގައި ރަޖިސްޓްރީ ކުރާނެ ކަމަށް މިބަަލަނީ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރާއްޖޭން ބޭރުގައި މީހުން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން ހަ ގައުމެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ އިރު މިހާތަނަށް އިންޑިއާ، ސްރީކަންކާ އަދި މެލޭޝިޔާގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.'ނަމަވެސް ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ލަންޑަން، ނިއުދިއްލީ އަދި ސިންގަޕޫރުގައި 100 މީހުން ރަޖިސްްޓްރީވެފައި ނުވާ ކަމަށާއި ވޯޓް ފޮށި ބެހެއްޓޭނީ އެއަދަށް ވޯޓްލާން ރަޖިސްްޓްރީވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ ނަމަ ރަޖިސްްޓްރީވުމަށް ދީފައިވާ މުއްދަތު ހަމަވުމަށް ފަހު އެ ފުރުސަތު އަލުން ދެވެން ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބްގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239،593 އެވެ.