އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުލުހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ހާއްސަ ގޮތްތަކެއް ހަމަޖެހިފައި ނުވާތީ ފޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕޮލިސް މީޑިއާ މެދުވެރިކުރައްވާ މީޑިއާތަކަށް ރިޔާޒު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ އިންތިހާބުގެ ތެރޭގައި ކުއްލި ކުއްލި އަށް ފުލުހުން ތަންތަނަށް ދާންޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުންނަށް ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެކަމާ މެދު އިތުރު ގޮތްތަކެއް ފަހިވޭތޯ އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ނިންމަވާފައިވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ފުލުހުންނަށް ލުއި ފަސޭހަކަމާ އެކު ވޯޓަށް ރަޖިސްޓްރީކުރެވޭނެ ގޮތް ހަމަޖައްސާފައިވީ ނަމަވެސް މިއަހަރު އެފަދަ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިނުވާ ކަން ރިޔާޒު ފާހަގަކުރެއްވި އެވެ.

" ދުނިޔޭގެ ބައެއް ގައުމުތަކުގައި ފުލުހުން ކުރިން ވޯޓުލާ ގޮތެއް ވެސް އޮވޭ، އެހެން ކަމުން ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ހެދިދާނެ ގޮތްތަކެއް މިދަނީ ބަލަމުން،" ރިޔާޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ މިފަހަރުގެ އިންތިހާބްގައި ފުލުހުންނަށް ފަހު ވަގުތާއި ޖެހެން ދެން ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިން ނަމަވެސް މިއަަހަރު އެގޮތަށް ކަންތައްތައް ހަމަޖެހިފައި ނުވަނީ ކުރިން ފަހަރު އިންތިހާބުގެ ތަޒުރިބާ އަށް ބެއްލެވުމަށްފަހު ކަމަށެވެ.

"ކުރީ ފަހަރު ވެސް ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވި، ބައެއް ފަަހަރު ކަނޑައެޅިފައި ހުރި ވޯޓް ކަރުދާާސް މަދުވެގެން މަތިންދާ ބޯޓު ޗާޓަރުކޮށްގެން ވެސް ވޯޓް ކަރުދާސް ފޮނުވަން ޖެހުނު. އެއީ ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަ ކަމެއް، ގާނޫނުގައި ކަނޑައެޅިފައި އޮންނަ ގޮތުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ހުރަސްތަކެއް ކުރިމަތިވޭ އެގޮތަށް ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމުގައި ވެސް، އަނެއް މައްސަލައަކީ އިދާރީ ގޮތުން ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވޭ އެބަ ފުލުހުންނަށް ފަހުވަގުތު ވޯޓްލުމަށް ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލެވިއްޖެއްޔާ، އަނެއް ކޮޅުން ފުލުހުންގެ އިދާރާއިން ވެސް އެބަބުނޭ އިންތިހާބުގައި އެރަށެއްގައި ހަރަކާތްތެރިވާނެ ފުލުހުން ރަޖިސްޓްރީކޮށްފައޭ ވާނީ، އަދި ފުލުހުންނަކީ ވޯޓް ކިޔުގައި ތިބެންޖެހޭ ނުވަތަ މަޑުކުރަން ޖެހޭ ބައެއް ކަމުގައި ނުވާތީ މިހާރު ހަމަޖެހިފައި އޮތް ގޮތަކީ އެކަށީގެން ނުވާ ގޮތެއް ކަމުގައި ނުދެކެން،" ފުއާދު ވިދާޅުވި އެވެ.

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާއިރު އެންމެ ބޮޑު އިސްކަމެއްދޭނީ ގައުމުގެ އަމަން އަމާން ކަމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓުމަށް ކަމަށެވެ.

އެގޮތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ފަދަ އަމާން މާހައުލެއް ގާއިމުކޮށްދިނުން ފިޔަވައި އިލެކްޝަނާ ގުޅޭ އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި ފުލުހުން އެހީތެރިކަން ފޯރުކޮށްދޭނީ އިލެކްޝަންސް ކޮމިޝަނުން އެހީތެރިކަމަށް އެދޭ ހާލަތްތަކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގައި ވޯޓް ފޮށި ބެހެއްޓޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި އިންތިހާބުގެ ދުވަސްވަރު ރަށްރަށުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް އެ ރަށްރަށުގެ ރައްޔިތުން ހާއްސަ ގޮތެއްގައި މަސައްކަތްކުރުމަށާއި އެއްވެސް ރައްޔިތެއްގެ ފަރާތުން ރަށެއްގެ އަމަން ގެއްލޭ ފަދަ އެއްވެސް އަމަަލެއް ނުހިންގުމަށް ވެސް ރިޔާޒު އިލްތިމާސްކުރެއްވި އެވެ.

"ބައެއް ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިން އިންތިހާބުތެރޭގައި އެރަށްރަށުގެ ރައްޔިތުން އަމަލުކުރާނެ ގައިޑްލައިންތަކެއް ވަނީ އެކުލަވާލާފައި، އެއީ ކޮންމެ ރަށަކުންވެސް މިސާލެއްގެ ގޮތުގައި ބަލަން ރަނގަޅުކަމެއް، ސިޔާސީ ވިސްނުން ތަފާތު ވުމަކީ އެއްބަޔަކު އަނެއް ބަޔަކަށް ހަސަދަވެރިވުމެއް ނޫން، ކުރިއަށްވުރެ ބޮޑަށް އެކަންކަމަށް ރައްޔިތުން އަންނަނީ މިހާރު މާބޮޑަށް ވެސް ހޭލުންތެރިވަމުން،" ރިޔާޒު ވިދާޅުވި އެވެ.