އޭލެވެލް އިމްތިހާނުތަކުން މި އަހަރު ފާސްވި ދަރިވަރުންގެ އަދަދު ދެ ޕަސަންޓު އިތުރުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.  


ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް ލަތީފާ އަބްދުލް ލަތީފް މިއަދު ވިދާޅުވީ 2009 ވަނަ އަހަރު އޭލެވެލް ނަތީޖާ އާއި 2010 ވަނަ އަހަރުގެ އޭލެވެލްގެ ނަތީޖާ އަޅާކިޔާއިރު މި އަހަރުގެ އޭލެވެލްގެ ނަތީޖާ އިން ތިން މާއްދާ އިން ފާސްވި ކުދިންގެ ނިސްބަތް ދެ ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ވަނީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ އަދަދު ވެސް މިދަޔަ އަހަރަށް ވުރެ 194 ކުދިން އިތުރުވެފައި ވަނިކޮށް ކަމަށެވެ.  


ފާސްވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބަލާ މިންގަނޑަކީ ސީ ފާހުން މައްޗަށެވެ.


އެ ޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު އޭލެވެލް އިންތިހާންތަކުގައި 1388 ދަރިވަރުން ބައިވެރިވެފައިވާ އިރު އޭގެ ތެރެއިން 78.6 ޕަސަންޓު ދަރިވަރުން ވަނީ ތިން މާއްދާ އިން ފާސްވެފައިވެ އެވެ. 2009 ވަނަ އަހަރު އޭލެވެލް އިމްތިހާނުގައި 1194 ދަރިވަރުން ބައިވެރިވެފައިވާ އިރު ތިން މާއްދާ އިން ފާސްވެފައި ވަނީ 76.6 ޕަސަންޓު ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.