(28 ޖުލައިގެ އަދަދާއި ގުޅޭ)

ސިޓީ އުރަ ތެރޭގައި ހުރީ ޕޯސްޓްކާޑް ތަކެކެވެ. އިޔަން ސިޓީއުރައި ފޭކޮށްލައިފައި ތިރިއަށް ޖަހައިލުމުން ހުރިހާ ކާޑްތަކެއް މޭޒުމައްޗަށް ފެތުރިގެން ދިޔައެވެ. އަވަސްވެފައިވާ ހިތަކާއެކު ފަހަރަކު ކާޑެއް ނަގައި އެއިން ފެންނަމުން ދިޔަ ތަނުގެ ނަން ކިޔާލައިފައި އިތުރު ލިއުމެއް ނަމަވެސް އޮތްތޯ ބަލައިލެވެއެވެ. އިރުކޮޅަކުން އިޔަންގެ ސަމާލުކަން ދަމައިގަތީ އޭގައި އޮތް ހަމަ އެންމެ ފޮޓޯގަނޑެކެވެ. އިޔަން ހައިރާންވީ އެހުރިހާ ޕޯސްޓްކާޑްތަކު ތެރޭގައި އެނޫނީ ފޮޓޯގަނޑެއް ނެތީމައެވެ. އިޔަންއަށް އެވަގުތު އިތުރު އެއްޗެއްވެސް ހީވިއެވެ. ބަލައި ނިންމާފައި ހުރި ހުރިހާ ޕޯސްޓްކާޑެއް އަލުން ހާވައިލައިފައި ބަލަމުން ދަނިކޮށް ފެނިއްޖެއެވެ. ފޮޓޯގަނޑުގައި ހުރި މަންޒަރާއި ޕޯސްޓްކާޑްގެ މަންޒަރު އެއީ އެކައްޗެކެވެ. "ކުއީންޓައުން، ނިއުޒިލޭންޑް." އިޔަން ޕޯސްޓްކާޑްގައިވާ ނަން ކިޔައިލިއެވެ. ލޯ ކުރިމަތީން ފްލޭޝްވަމުން ދިޔަ ފޮޓޯތަކެއް ފަދައިން މާޒީގެ ދުވަސްތައް އިޔަންގެ ހިތުގެ ލޯގަނޑަށް އެޅެން ދެން ނެގީ ސިކުންތު ކޮޅެކެވެ.
**********************

ޓެކްސީއެއްގައި އިޔަން ގޮސް ފޭބިއިރު ހިތް އޮތީ ތެޅިތެޅިއެވެ. ޒޯހާގެ ނިންމުން ދެކޮޅު ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަށްއަހަރަކީ އިންސާނަކު ބަދަލުވާން ލިބޭ ހާދަ ގިނަ ދުވަހެކެވެ. ޒޯހާ އިރެއްގައި އޭނާ ދެކެ ލޯބިވި ނަމަވެސް މިހާރު އެލޯބި ހިތުން ފުހެވިގެންދާހައި ވެއްޖެއެވެ. ވީއިރު އޭނާ ބުނެލާ އެންމެ ބަހަކަށްޓަކައި ޒޯހާ ގެއާއި އާއިލާ ދޫކޮށްލަފާނެ ހެއްޔެވެ؟

ޑްރައިވަރ ކައިރީ މަޑުކޮށްލަން އެދިފައި އިޔަން ގޮސް ގޭގެ ދޮރާއި ހަމަވިތަނުން ހިތަށް ކުޑަ ނަމަވެސް މާޔޫސްކަމެއް ލިބުނެވެ. ޒޯހާ ފެންނަން ނެތްތާގައި ދޮރުވެސް ހުރީ ތަޅުލައިފައެވެ. ޓަކި ޖަހައިލަން އުޅެފައި އިޔަން ފަސްޖެހުނެވެ. އޭނާ ޓަކި ޖަހާއަޑަށް އެހެން މީހަކަށް ހޭލެވިގެން އަންނާކަށް ބޭނުމެއް ނޫނެވެ. ޒޯހާ އޭނާގެ އެދުމާއި ދެކޮޅު ނުވާނަމަ މިހާރު ހުންނަންޖެހޭނީ ނިކުމެ ދޮރުމަތީގައެވެ. އިޔަން އުންމީދުގެ ވާފަށުގައި ހިފައިގެން ފަސްވަރަކަށް މިނިޓް އިންތިޒާރު ކުރިފަހުން ގޭގެ ދޮރު ހުޅުވިއްޖެއެވެ.

"ޒޯހާ. ޔޫ ކޭމް." އިޔަންއަށް ޒޯހާ ފެނިފައި އަވަސްއަވަހަށް ބުނެލެވިއްޖެއެވެ. "ރަނގަޅަށް ތިބުނީ. އަހަރެން މިހުރީ އައިސް. އެކަމަކު އަހަރެން މިއައީ ގުޑްބައި ކިޔަން." ޒޯހާ ދެއަތްތިލަ ދައްކައިލީ ދަބަހެއް އެއްޗެއް ނުގެންނަކަން އަންގައިލުމުގެ ގޮތުންނެވެ. ވަގުތުން އިޔަންގެ ކުލަ އޮއްސިއްޖެއެވެ. "ޒޯހާ!" އިޔަން ކައިރިއަށް ޖެހިލަން އުޅެނިކޮށް ޒޯހާ އެދެމެދަށް އަތް ހުރަސްކޮށްލައިފައި މަނާކުރިއެވެ. "އިޔަންއަށް ކީކޭ ހީވީ؟ އަށްއަހަރު ފަހުން އައިސް އަހަންނާއެކު ދާން ހިނގާށޭ ބުނީމަ ބަހެއްވެސް ނުބުނެ އެއްބަސްވާނެ ކަމަށްތަ؟ އަހަރެންމީ ހަމައެހާ ގޮތެއްނެތް އަންހެނެއް ކަމަށްތަ އިޔަން ހީކުރީ؟" ޒޯހާ މީހަކަށް އިވިދާނެތީ އެހާ މަޑުން ވާހަކަދެއްކި އިރުވެސް ރުޅިވެރިކަން އަޑުގައިވިއެވެ. "ކީއްވެ ޒޯހާ ގޮތެއްނެތް އަންހެނަކަށް ވާންވީ؟" ޒޯހާ އެހާ ޕްރެޝަރގައި ހުއްޓާ އިޔަން މަޑުމަޑުން އަހައިލިއެވެ. ހަތަރުކަޅި ހަމަވުން އިޔަންގެ ލޮލުގައިވި އަސަރަކުން ޒޯހާއަށް އިތުރަށް ވާހަކަދައްކަން އުދަނގޫވިއެވެ.

"ޒޯހާ އަށްއަހަރު އެއީ ވަރަށް ދިގު މުއްދަތެއް. އެމުއްދަތު އެކަނިވެސް ވިސްނާމީހަކަށް އެއީ ލިބޭ އިބުރަތެއް. އަށްއަހަރު ފަހުންވެސް އަހަރެންގެ ހިތް އެހެން އަންހެންކުއްޖަކަށް ނުދެވިގެން މިއުޅެނީ ޒޯހާދެކެ ވެވުނު ލޯއްބަކުން." އިޔަން ދެއްކި ވާހަކައަކުން ޒޯހާ ބުނަން އުޅުނު ވާހަކަތައް ހަނދާންނެތެން ފެށިއެވެ. އެހާވަރަށް ވިސްނައިގެން އޭނާ އެއައީ އިޔަންއަށް އެތިވަރު ގޮވާލައިފައި އަށްއަހަރު ދުވަސްވީ ހިތާމަތަކުގެ ބަދަލު ހިފާލަންވެގެންނެވެ. އިޔަންގެ ކައިރިއަށް ދާން ޚުދު އޭނާގެ ހިތް އެދޭއިރުވެސް އެހާ ފަސޭހައިން މަޢާފުދޭން ބޭނުން ނުވަނީއެވެ. ކަންތައްތައް ހިނގާފައި އޮތް ގޮތް އިޔަންއަށް އަދި ނޭނގުނު ކަމުގައިވިއަސް އެންމެ ފަހަރަކުވެސް އޮޅުންފިލުވަން މަސައްކަތް ކުރި ނަމަ ކީއްހެއްޔެވެ؟

"ޤަބޫލެއް ނުކުރެވޭނެ. ތީ ތެދެއްނަމަ ކީއްވެ އިޔަން އަހަރެންނާއި ބައްދަލު ނުކުރީ. ކީއްވެ އަހަރެންނާއި ސުވާލު ނުކުރީ؟ ކީއްވެ އަހަރެން އެކަނި ހާލަށް ދޫކޮށްލީ. ތީތަ އިޔަން އަހަރެންނަށް ކުރި އިތުބާރަކީ؟ ވަރަށް ރަނގަޅަށް ސާބިތުވެފަ އޮތީ އިޔަން އަހަރެންދެކެ ލޯބިވާވަރު. ދެން ހަމަ އެހާ ދުވަސްފަހުން އައިސް ދާން ހިނގާށޭ ބުނީމަ ނިމުނީ އެއްނޫން. އެންމެ ފުރަތަމަ އަހަރުމެންގެ މެދުގައި އޮޅުންނުފިލާ ކިތައް ކަންތައް އެބައޮތް. އެކަންކަން އެހެން ހުއްޓާ ކިހިނެއް އަހަރެން އިޔަން އާއިއެކު ދާނީ؟ ކިހިނެއް އެއީ ނުވާކަމަށް ހަދައި ހަނދާން ނައްތާލާނީ؟" ޒޯހާގެ ވާހަކަތައް ކުރިއަށް ދަނިކޮށް އިޔަން ކުއްލިއަކަށް އައިސް ކައިރިވެލާފައި އަނގަމަތީ އަތްއަޅައި ހުއްޓުވައިފިއެވެ. "ސޮރީ ޒޯހާ. އެކަމަކު ތިވާހަކަތައް ފަހުން ދެއްކިދާނެ. މިހާރު ވަގުތެއްނެތް. މާދަމާ އިރުއަރާއިރު އަހަރެން މާލޭގައި ހުރެއްޖެނަމަ ފިލަން އުޅުނުކަން ބައްޕަމެނަށް އެނގިފަ އޮންނާނީ. އެހިސާބުން ދެން ޒޯހާ އާއި އަހަރެންގެ ކައިވެންޏެއް ނޫން. އެކަމަކު އަހަރެންނާއި މިއާގެ ކައިވެނި ކުރެވޭނީ. ނައު ލެޓްސް ގޯ." އިޔަން ޒޯހާ ތެޅިތެޅި ހުއްޓާ އުފުއްލާލައިގެން ގޮސް ގެއަށް ވަދެއްޖެއެވެ. އިޔަން އަދިވެސް އަނގަމަތީ އަތް އަޅައިގެން ހުރުމުން ޒޯހާއަށް ހަޅޭއްލެވޭ ގޮތެއްވެސް ނުވިއެވެ.

އިޔަން ޒޯހާ ހިފަހައްޓައިގެން ލައިޓް ޖައްސާފައި ޕާސްޕޯޓް ހޯދަންވެގެން އަލަމާރި ހުޅުވައިގެން ބަލަނިކޮށް ގިނައިރެއް ނުވެ ފެނުނެވެ. އައިޑީ ކާޑާއި އެކަހަލަ މުހިންމު ހުރިހާ އެއްޗެއް އޮތީ ދަބަހަކަށް އަޅައި ބަންދުކޮށްފައެވެ. ހީވާގޮތުން ޒޯހާ ދެފިކުރެއްގައި ހުރެވެސް ގެއިން ނިކުންނަން ތައްޔާރުވީއެވެ.

"އަހަރެންގެ އަންނައުނު ގަނޑެއްވެސް ނުލައިތަ ތިގެންދަނީ؟" ޓެކްސީއަށް އަރާފައި ވާހަކަދައްކަން ފުރުސަތު ލިބުމުން ޒޯހާ ބުނެލިއެވެ. އިޔަން ޖަވާބެއް ނުދީ އިނދެފައި ފޯނުގައި މެސެޖެއް ލިޔެލިއެވެ. "ގޭ މީހެއްގެ ނަންބަރ ކިޔާބަލަ!" އިޔަން އަހައިލުމުން ޒޯހާ އެއީ ކީއްކުރަންތޯ ސުވާލު ކުރިއެވެ. "ބުނީމަ ދޭނީ!" އިޔަން އަމުރުކޮށްލުމުން ޒޯހާ އިނދެފައި ނަންބަރެއް ކިޔައިދީފިއެވެ. "މި މެސެޖް ލިބުމަށްފަހު ޒޯހާގެ ގޭމީހުން ޒޯހާ ހޯދާކަށް ނޫޅޭނެ." އިޔަން ބުނެލިއެވެ. އެއަޑު އަހާފައި ޒޯހާ ލޯބޮޑުކޮށްލިއެވެ. "ކޯއްޗެކޭ ތިލިއުނީ؟" ޒޯހާ ގަދަކަމުން އިޔަންގެ ފޯން އަތުލަން އުޅެނިކޮށް ފޯނު ވެއްޓުނީ ކުރީ ސީޓަށެވެ.

އެއަރ ޕޯޓަށް ދިޔަފަހުން ޒޯހާ އިތުރަށް ގަދައެއް ނުހަދައެވެ. އިޔަން ކަންފަތްދޮށުގައި ބުނެލި އެއްޗަކަށްފަހު ހަމަ ކުއްލިއަކަށް ބަސްއަހާ ކުއްޖެއް ފަދައިން އިޔަންގެ އަމުރުތަކަށް ބޯލަނބަން ފަށައިފި އެވެ.

ކުއީންޓައުން އެއަރޕޯޓަށް މަތިންދާ ބޯޑު މަޑުކޮށްލީ އެގާރަ ޖަހަން ކައިރިވެފައި ހުއްޓައެވެ. ފެބްރުއަރީ މަހު "ހޫނު މޫސުމް" ލައްވާލައިފައި އޮތުމުން ގަދައަށް އަވި ދިއްލާލައިފައި އޮތެވެ. ރަންވޭގެ ފަހަތުގައިވާ އުސް ފަރުބަދަތަކުގެ ސިލްސިލާ ފެނިފައި ޒޯހާ މޭކަރާގޮތް ވިއެވެ. އަވަހަށް އިޔަންގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. އެމީހުން ޓްރޯލީ ހިފައިގެން "އެރައިވަލް" އިން ނިކުމެގެން އައިއިރު ބޯޑުތައް ހިފައިގެން ތިބި މީހުންގަނޑަށް ކަޅި ހިންގިއެވެ. އިޔަންގެ އެކުވެރިޔާ މައިކަލް ފެނިގެން އެދިމާއަށް ގޮސް ހުއްޓިފައި ކޮނޑާއި ކޮނޑު ޖައްސައި ސަލާމް ކޮށްލިއެވެ. ޒޯހާ ހުރީ އެވަގުތުކޮޅުވެސް ނުތަނަވަސްވެފައެވެ. މައިކަލް އަދި އިޔަންއަށްވުރެވެސް އިސްކޮޅުން ދިގުވެފައި ހަމަށްވެސް އަރަނީ ރަތްދޮން ކުލައެކެވެ. އިސްތަށިގަނޑު ފަންވެފައި އަރަނީ މުށި ކުލައެކެވެ.

މައިކަލް "ހެލޯ" އޭ ބުނެލައިފައި ސަލާމަށް އަތް ދިއްކޮށްލި ފަހުންވެސް ޒޯހާ ހުރީ ގުޑިލަން ނުކެރިފައެވެ. މައިކަލްއަށް ޒޯހާގެ މޫނުގައިވާ ކުލަވަރު ފާހަގަ ކުރެވިގެން ހީލިއެވެ. "ސޯ ޑެލިކޭޓް." މައިކަލް ބުނެލި އެއްޗަކުން އިޔަންއަށްވެސް ހިނިތުންވެލެވުނެވެ. އެއަރޕޯޓުން ނިކުމެފައި މައިކަލްގެ ކަޅު "އެސް.ޔޫ.ވީ" ގައި ގެއަށް ދާން ނައްޓައިލިއެވެ. ކުރީގައި އިޔަން އާއި މައިކަލް ތިބެގެން ތަފާތު ވާހަކަތައް ދައްކަމުން ދިޔައިރު ޒޯހާ ފަހަތުގައި ފެނި ގެއްލިދާ ރީތި މަންޒަރުތަކަށް ހިތްދޫވެފައި އިނެވެ. މަތީ މަގަކަށް އެޅިފަހުން އަނެއްފަރާތުގައި ފެންނަން އޮތް ރީތި ފެންކޯރާއި އޭގެ އައްސޭރީގައި ހެދިފައިވާ ގަސްތައް ރީތިކަމުން އަޖައިބުވިއެވެ. ކޯރުގެ ފަހަތުގައިވެސް އުސްފަރުބަދަ ތަކުގެ ސިލްސިލާ އާއި ދުރުން ބައެއް އިމާރާތްވެސް ފެންނަން ހުއްޓެވެ.

މައިކަލް ކާރު މަޑުކޮށްލީ ފަރުބަދަ މަތީގައި ވަކިން ހުރި އެންމެ ގެއެއްގެ ކުރިމައްޗަށެވެ. ދެބުރިއަށް ނަގާފައިވާ ކުޑަ އެހެނަސް ރީތި ގެއެކެވެ. ވަށައިގެން ފޫޓު ފާރު ނެތުމުން ޒޯހާއަށް އައިބުވިއެވެ. މައިކަލް އާއި އިޔަން ފޮށިތައް ހިފައިގެން ގެއަށް ވަންނަން ދާން ފެށުމުން ޒޯހާ ވެސް ހިނގައިގަތެވެ. ފައިދަށުގައި ފެތުރިފައިވާ ފެހި ވިނަގަނޑާއި އެކި ހިސާބުގައި ބޮނޑި ބޮނޑިއަށް ހެދިފައިވާ ދުވަހަކު ނުވެސް ދެކޭ ޒާތުގެ މާމެލާމެލި ފެނިގެން ޒޯހާގެ ހައިރާންކަން ދިޔައީ ހައްތަހާ އިތުރުވެގެންނެވެ. "ޒޯހާ!" މައިކަލް ދޮރު ހުޅުވާލަ ދިނުމުން އެތެރެއަށް ވަންނަން އުޅެފައި އިޔަން އެނބުރުނެވެ. ޒޯހާ ވަށައިގެން ހޯދަން ހުރެފައި އިޔަން ގޮވައިލިއަޑަށް އަވަހަށް ކައިރިއަށް ދިޔައެވެ. "އާދޭ އެތެރެއަށް!" އިޔަން އަތް ހުޅުވައިލުމުން ޒޯހާ އެއަތުގައި ހިފާލައިފައި އެކުގައި އެތެރެއަށް ވަނެވެ. ހުދު މުށި ޖަހާފައިވާ އޮމާން ތަޅުންގަނޑާއި ހުދާއި ނުލުން ޒީނަތްތެރި ކުރެވިފައިވާ ފާރުތަކެވެ. ބޭރު ފެންނަ ގޮތަށް ލިވިންރޫމްގެ އެއްބިތުގައި ބިއްލޫރި ޖަހާފައި ހުރުމުން ބޭރުގައިވާ ފެހިކަންގަދަ ބިޔަ ގަސްތައް އެންމެ ރީއްޗަށް ފެންނަން ހުއްޓެވެ. އެލިވިންރޫމް ފަޅުފިލާވަރުގެ ދިގު ސޯފާސެޓުގެ މެދުގައި މަޑު އެންމެ މަޑު ދޫލަ އަކާއި ބިއްލޫރި ވަށް މޭޒެއްގައި އެވަގުތުވެސް ސަންފްލާވަރ ތަކެއް ޖަހާފައި ވާސްއެއް ހުއްޓެވެ. އިޔަންމެން ވަދެފައި ސޯފާތަކުގައި އިށީންދެލުމުން މައިކަލް ހުއްދަ ހޯދައިގެން އެގެއިން ނިކުމެއްޖެއެވެ.

"ޒޯހާ!" އިޔަން ގޮވައިލީ ޒޯހާ މާ ހިމޭންވެފައި އިނީމައެވެ. އެއަޑަށް ޒޯހާ އިސްއުފުލައިލައިފައިވެސް އެއްޗެއް ނުބުންޏެވެ. "ހިނގާ މަތީބުރި ބަލައިލަން." އިޔަންއަށް ޒޯހާގެ ތޫނު ބެލުމުން އުދަނގޫވެގެން ތެދުވެއްޖެއެވެ. ދެމީހުން ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިފައި މައްޗަށް އެރިއެވެ. ކުޑަ ލައިބްރަރީ އަކާއި ފަތާފެންގަނޑެއްގެ އިތުރުން ދެކޮޓަރި އާއި ފުދޭވަރެއްގެ ބޮޑު ބެލްކަންޏެއް މަތީބުރީގައި ވެއެވެ. އެހެން ހުރިހާތަނެއް ބަލާލައިފައި އެންމެފަހުން އެމީހުން ނިކުތީ ބެލްކަންޏަށެވެ. ހަތަރެސްކަނަށް ހުރި މޭޒަކާއި ވަށައިގެން ހަތަރު ގޮނޑީގެ އިތުރުން އެތާގައި ގިނަ އަދަދަކަށް ޕޮޓް ބަހައްޓާފައި ތަފާތު ވައްތަރުގެ މާގަސްތައް ހައްދާފައި ހުއްޓެވެ. އިޔަންގެ ފަހަތުން ޒޯހާ ގޮސް ރެއިލިން ކައިރިއަށް ޖެހިލުމުން މެއަށް ފާޑެއްގެ ގޮތެއްވެލިއެވެ. ތިރިން ފެންނަމުން ދިޔަ ވިލުކުލައިގެ ކޯރާއި ގެތައް ކުދި ކަމުން އެމީހުންނަށް ހުރެވުނު ހިސާބު އުސްވާނެވަރު އަދިކިރިޔާ އިހްސާސް ކޮށްލެވުނީއެވެ. "ތޭންކްސް." އިޔަން ބުނެލި އަޑަށް ޒޯހާ މޫނު އަނބުރައިލި އެވެ. އިޔަން ޝުކުރު އަދާކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

"އަހަންނަށް އިނގޭ ޒޯހާގެ ނަޒަރުގައި އަހަރެން މިކުރީ މީ ފިރިހެނަކަށްވެ ހުރެ ކުރަން ވަރަށް ފިނޑި އަމަލެއްކަން. އެކަމަކު އަހަރެން މިގޮތަށް ކަންތައް މިކުރީ އިތުރު ގޮތެއް ނެތީމަ. މާލޭގައި ހުރެގެން އަހަރެންނަށް ޒޯހާ ހާސިލްވާނެ އެއްވެސް ގޮތެއްނެތް. ބައްޕަގެ އެދުމަކަށް ދެކޮޅު ހެދުމަކީ އަހަރެންނަށް އެކޮޅުގައި ހުރެގެން ވާނެ ކަމެއް ނޫން. ހިތް ނޭދުނަސް އަހަރެން ޖެހޭނީ މިއާ އާއި ކައިވެނި ކުރަން. އޭރުން އަނެއްކާ އެބަރުބާދު ކޮށްލެވުނީ މިއާގެ ދިރިއުޅުން. އަށްއަހަރު ކީއްކުރަން ސޯޅަ އަހަރުވިއަސް އަހަންނަށް މިއާ އާއި މެދު ކޮއްކޮއެއްގެ ނަޒަރުން ނޫން ނަޒަރަކުން ނުދެކެވޭނެ. އަނެއްކޮޅުން ދެން ހުރީ ޒަމީހާ. ޒޯހާ އަދި އަހަރެންގެ އަންބަކަށް ހަދައިގެން ގެއަށް ގެނައިކަމުގާ ވިއަސް އެޒަމީހާ ކޮށްފަ ނުކުރާނީ ކީއްކަން ހިޔާލު ކޮށްލަންވެސް ދަތި. އެހެންނޫންނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް. އަށްއަހަރު ބޭކާރު ވުމަށްފަހު އިތުރަށް އެންމެ ދުވަހެއްވެސް ބޭކާރު ވާކަށް ބޭނުންމެއް ނުވޭ. އިތުރަށް އަހަރެން ޒޯހާގެ ކައިރީ ބުނެލަން އޮތް އެއްޗަކީ އެހުރިހާ މީހުންގެ އެދުމުގެ ކޮޅުފައިން ޖަހާފައި ހަމައެކަނި އަހަރެންގެ އުފާވެރިކަމަށް އިސްކަން ދެވުނު ކަމަށްޓަކައި މަޢާފުކޮށްދޭށޭ. އުންމީދުކުރަން ކޮންމެވެސް ދުވަހަކުން އަންޑަސްޓޭންޑް ވާނެކަމަށް." އިޔަން ވާހަކަތައް ނިންމާލައިފައި ޒޯހާ އަނެއްފަރާތަށް މޫނު އަނބުރާލައިގެން ހުރުމުން އެތަނުން ދިޔައެވެ.

ޒޯހާގެ ލޮލުން ކަރުނަ އައީ އިޔަން ގެ ފިޔަވަޅުގެ އަޑު އޮބުނު ފަހުންނެވެ. މިއަދު އޭނާ އިޔަން އާއި އެހާ ކައިރީގައި ވާއިރުވެސް އެދެމެދުގައި ދުރުކަމެއް ވެއެވެ. އެދުރުކަން ފުނޑު ފުނޑުކޮށްލުމަށްޓަކައި އިތުރަށް ވަގުތު ބޭނުންވެއެވެ. އަށްއަހަރު ފަހުން މިއަދުވެސް އޭނާ އިޔަންދެކެ ލޯބިވާކަން ފައުޅު ކުރާކަށް ދޫ ހަރަކާތެއް ނުކުރިއެވެ. އިޔަންގެ އެގަދަ މަޖުބޫރީ އަމަލާއި ހެދި ރުޅި އައި ނަމަވެސް ހިތުގެ ކަނަކުން އެކަމާއި އުފާ ފައުޅު ކުރާކަމާއިމެދަކު ދެކޮޅު ހެދޭކަށް ނެތެވެ. ކުޑަމިނުން އޭނާ ހިތް ވަނީ އިޔަންގެ އެހާ ކައިރީގައި ހުރެވުނު ކަމަށްޓަކައި ވެސް ދުވަހަކު ނުވާވަރަށް އުފާވެފައެވެ.

ޒޯހާ ތިރިއަށް ފޭބިއިރު މީރުވަހެއް މުޅި ލިވިންރޫމްގައި ހިފާފައި ހުއްޓެވެ. ސޯފާތަކާއި އަރާ ހަމަ ވިތަނުން އިޔަން ނިކުތީ ތަބަކެއްގައި ކާއެއްޗެހި ހިފައިގެންނެވެ. "އާދޭ ކާން! މިހާރު ބަނޑުހައި ވެފައެއްނު ހުންނާނީ." އިޔަން ތަބައް މޭޒުމަތީ ބަހައްޓާފައި ދައުވަތު ދިނެވެ. ޒޯހާ ނުރުހުންވެފައި ހުރިނަމަވެސް ބަނޑުހައިކަން އިހްސާސް ކުރެވިގެން ދެކޮޅެއް ނުހަދައެވެ. ތުންފަތުގައި ދަތް އަޅާލައިފައި ގޮސް އިށީންތަނުން އިޔަން ޒޯހާގެ ތައްޓާއި އަދި ނޫކުލައިގެ ބުއިމެއް އަޅާފައި ހުރި ދިގު ބިއްލޫރި ތަށްޓެއްވެސް ކައިރިކޮށްލަދިނެވެ. ޒޯހާ އުލާއި ސަމުސާ ނަގައިގެން ތަށި ހާވައިލައިފަވެސް ކާން ނުކެރިފައި ބަލަން އިނެވެ. "ކައިބަލަ. ތިއަކު ނުހުންނާނެ ޒޯހާއަށް ނުބައި އެއްޗެއް." އިޔަންއަށް ފެނިގެން ބުނެލިއެވެ. ޒޯހާ ކާންވެގެން ފުރަތަމަ ސަމުސާ އަނގައަށް ލައިފައި އޯކާދެމިގަތެވެ. އިޔަންއަށް އެއްޗެއް ނުބުނެވެނީސް ދުއްވައިގެންފައި ގޮސް ބަދިގެއަށް ވަނެވެ. އިޔަންއަށް ދެވުނުއިރު ޒޯހާ ސިންކު ކައިރީ ހުރެފައި އެނބުރިލަނީއެވެ. އެވަގުތު ޒޯހާގެ ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތިއްކެއް ފެނިގެން އިޔަންގެ ހިތަށް ތަދުވެއްޖެއެވެ.
(ނުނިމޭ)