އދ. އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓާ ޓޯނީ ލިސްލޭ އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ޑރ. އަކްޔެމަލް މަޓީމޯވާ އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮ ޕްރޮޖެކްޓް ސަވިސަސްގެ ޕްރޮޖެކްޓް ސެންޓާ މެނޭޖާ އަލެހަންދްރޯ ރުއިޒް-އެކެވީޑޯ އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމަށް އަޅަންޖެހިފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ރަނގަޅުކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާކަން ފާހަގަކުރެއްވި އެވެ. އަދި، މި މަސައްކަތުގައި އެކި ގޮތް ގޮތުން ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް އދ.ގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ޚާއްޞަ ގޮތެއްގައި ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވި އެވެ.